ޚަބަރު

ލ.މާމެންދޫގައި ގެއެއްގެ ފުރާޅަށް ފާރެއް ވެއްޓި އެގޭގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެ


ލ.މާމެންދޫގައި ގެއެއްގެ ފުރާޅަށް ފާރެއް ވެއްޓި އެގޭގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 2 އަހަރުގެ ކުއްޖަކަށާއި 38 އަހަރުގެ ފިރިހެނަކަށެވެ. މި ހާދިސާގައި ކުއްޖާއަށާއި މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ލ.މާމެންދޫގައި އިމާރާތްކުރަމުންދިޔަ ގެއެއްގެ ފާރު ވައިގަދަވުމުގެ ސަބަބުން އެ އިމާރާތްހުރި ގޯތިތެރޭގައި ހުރި އެހެން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިގެން ކަމަށެވެ.

މި ހާދިސާގައި އެ ގޭގެ ފުރާޅުގައިހުރި ސިމެންތި ޓިނުތައް ފަޅައިގެންގޮސް ގޭގެ ސީލިންގއާއެކު ފާރުގެ ބައިތައް އެގޭގެ ތެރެއަށް ވެއްޓިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ ވެއްޓުނު ފާރަކީ ރޭނުމަށްފަހު އަދި ސިމެންތި ނުހިކިހުރި ފާރެއް ކަމަށެވެ.

މިއަދު މެންދުރު 13:11 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅޭވޭނެ ހާލަތަކަށް ގެނައުމަށް އެ ގެ ސާފުކޮށް ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްފީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.