ޚަބަރު

"މައިކްރޯބިއަލް ރެސިސްޓެންސް އެންޑް ސަރވައިލަންސް" ވޯކްޝޮޕް ފަށައިފި


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިސްނަގައިގެން ކުރިއަށްގެންދާ "މައިކްރޯބިއަލް ރެސިސްޓެންސް އެންޑް ސަރވައިލަންސް" ވޯކްޝޮޕް ފަށައިފިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މި ވޯކްޝޮޕަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާއި އިގިނރޭސިވިލާތުގެ ލަނޑަނުގެ ޔުނިވަރސިޓީއެއް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ބޭސް ނުވަތަ އެންޓި ބަޔޮޓިކުން ބައެއް ބަލިމީހުންނަށް ލުޔެއް ނުލިބޭ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. އެމައްސަލަ ދިމާވާ މިންވަރުވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިމައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމާއި ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ފެށި މި ވޯކްޝޮޕުގައި ސިއްޙީ ދާއިރާއާއި އެހެނިހެން ދާއިރާތަކުގެ މީހުންވެސްވަނީ ބައިވެރިވެފައެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް ޑރ.ޝާހް ޢަބްދުﷲ މާހިރެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ މިމައްސަލައަކީ ކަންބޮޑުވާންޖެހޭވަރުގެ ބޮޑު މައްސަލައެއްކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ހޭލުންތެރިކަން އިތުރުކޮށް މިފަދަ ވޯކްޝޮޕްތައް ބޭއްވުމަކީ މުހިންމުކަމެއްކަމުގައި ދެކޭކަމަށްވެސް ޝާހް ވިދާޅުވިއެވެ.

މިއަދު ފެށި ވޯކްޝޮޕާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޑީން އޮފް ރިސަރޗް ރަހީމާ ޢަބްދުއްރަހީމް ވިދާޅުވީ މިމައްސަލައަކީ ކޮންމެހެންވެސް ޙައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި މި ވޯކްޝޮޕުން މިމައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގައި ކުރިއަށްގެންދާ ވޯކްޝޮޕުގައި ކަމާ ގުޅުންހުރި ތަޖުރިބާކާރުން ބައިވެރިވެ މައުލޫމާތު ދެއްވާނެއެވެ.