އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރާ މީސްމީޑިއާގެ ވަސީލަތަކީ ފޭސްބުކްކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.
ވެބްސައިޓްތަކަށް މީހުން ޒިޔާރަތްކުރާ މިންވަރުގެ ތަފާސް ހިސާބުތައް އެއްކުރާ ވެބްސައިޓެއް ކަމަށްވާ 'ސްޓެޓްކައުންޓަރ' އިން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓުގައިވާ ގޮތުން 86.7 އިންސައްތަ ދިވެހިން ފޭސްބުކް ބޭނުންކުރެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރަނީ ޕިންޓްރެސްޓްއެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރަނީ ޓްވިޓަރކަމަށް ސްޓެޓްކައުންޓަރއިން ހާމަކުރެއެވެ.
ރާއްޖޭގައި މީސްމީޑިއާ ބޭނުންކުރާ މީހުންގެ އަދަދުގެ ތަފާސް ހިސާބުތައް އެކުލަވާލާފައިވަނީ ހުސްވި އަހަރުގެ ޖުލައިމަހުން ފެށިގެން މިއަހަރުގެ ޖުލައިއަށެވެ.
ސްޓެޓްކައުންޓަރއިން އެކުލަވާލާފައިވާ މައުލޫމާތުތަކުން މޯބައިލް ފޯން ބޭނުންކޮށްގެން އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރާ މީސްމީޑިއާ ސައިޓްތައް ދެނެގަނެވި، އެ ސައިޓްތަކަށް ވަނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވެދޭނެކަމަށް ސްޓެޓްކައުންޓަރއިން ބުނެއެވެ.