ސިޔާސީ

"ޑަބްލިއުޓީއޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް"ގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް


"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް"ގައި ރާއްޖެއިން ބައިވެރިވުމުގެ އެއްބަސްވުމަކީ މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމުގައި ޑޮކިއުމަންޓް މަދުކޮށް ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ޑަބްލިއުޓީއޯ މެންބަރު ޤައުމުންތަކުން ވެވޭ އެއްބަސްވުމެކެވެ. މީގެ އިތުރުން މުދާ ކްލިއަރކުރުމާއި މުދާ ޓްރާންސިޓްކުރުމާއި ލުއިފަސޭހަގޮތްތަށް ހޯދުމަށާއި، މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހުރި ދަތިތައް ނައްތާލުމަށްވެސް މި އެއްބަސްވުން ބާރުއަޅައެވެ. އަދި މުދާ އެކްސްޕޯޓްކުރުމުގައި ބޯޑަރުގައި ދިމާވާ ހުރަސްތައް ނައްތާލުމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލާގައި ރާއްޖެއަކީވެސް ޑަބްލިއުޓީއޯ މެންބަރު ޤައުމެއްކަމުން މި އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމްކުރާކަމަށެވެ. އަދި މި މައްސަލާގައި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރަކާއި، ޤާނޫނީގޮތުން ކުރާނެ އަސަރުތަކާއި މިއެއްބަސްވުމުން ރާއްޖެއަށް ކުރާނެ ފައިދާވެސް ބަޔާންކޮށްފައިވެއެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި މަޝްވަރާކޮށް ވަޒީރުންގެ މަޖިލީހުންވެސް މި އެއްބަސްވުމަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.