ޚަބަރު

ޖަނަވާރުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކާމެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ!


ރާއްޖޭގައި މިދުވަސްވަރު ބަލިމަޑުކަން ފެތުރެމުންދާތީ، މީދާފަދަ ޖަނަވާރުގެ ޒަރީއާއިން ޖެހޭ ބަލިތަކަށް ޚާއްސަ ސަމާލުކަމެއް މިވަނީ ދޭންޖެހިފައެވެ.

މިދިޔަމަހުން ފެށިގެން ބޭރަށް ހިންގުމާއި، ހުން އައުން އިތުރުވަމުންދާތީ ސިއްޙީގޮތުން ރައްކާތެރި ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވެފައިވަނީ ބޭރަށްހިންގުންފަދަ ބަލިތައް ފެތުރެނީ އޭގެ އަސަރުކޮށްފައިވާ މީހުންގެ ފަރާތުންކަަމަށެވެ. އަދި މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް މިފަދަ ބަލިތައް އިތުރުވާ ދުވަސްވަރެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މިދުވަސްވަރު މިފަދަ ބަލިތައް އާންމުވެފައިވާއިރު، ޢީދުބަންދާދިމާކޮށް ކުރި ވިއްސާރަ ރަގަޅުވެ މޫސުމަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. މޫސުން ބަދަލުވާ ދުވަސްވަރަކީވެސް އެކި ޖަނަވާރުގެ ޒަރިއްޔާއިން ބަލިތައް ފެތުރުމަށް މަގުފަހިވާކަމެކެވެ. އެގޮތުން ގިނަ ދުވަހަށް ފެންހަރުލާގޮތަށް ހުންނަ ޒާތުގެ ތަކެތީގައާއި، އުކާލެވޭ ކުނީގެ ބާވްތަތަކުގެ ސަބަބުން މުޖުތަމައުގައި އުފެދޭ ބަލިތައްވެސް އިތުރުވެއެވެ.

މިފަދަ ހާލަތްތަތަކުގައި މަދިރި އާއި މީދަލުގެ ޒަރީއާއިން ޖެހޭ ބަލިތައް ރައްޖޭގައި އިތުރުކަން ތަފާސްހިސާބުތަކުންވެސް ދައްކައެވެ. މަދިރިފަނި ހަރުލާޒާތުގެ ތަކެތީގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ޑެންގީއާއި، ޗިކަން ގުންޔާއާއި ރީދޫހުންފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މިފަދަ ބަލިތަކުން ސަލާމަތް ވުމަށްޓަކައި މިދުވަސްވަރު މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

މީދަލަކީވެސް މިފަދަ ނުރައްކާތެރި އެތައް ބައްޔެއް އޭގެ ޒަރިއްޔާއިން ޖެހޭ ޖަނަވާރެކެވެ. މީދަލުގެ ޒަރިއްޔާއިން އެތައް ގޮތަކަށް އިންސާނުންނަށް ބަލިތައް ޖެހެއެވެ. އޭގެ ތެރޭގައި މީދާ ދަތްއެޅުން، ނޫނީ ވަކިއެޅުން، މީދަލުގެ ބޮޑުކަމުދާ ނަޖިހުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން، މީދަލުގެ ކުޑަކަމުދާ ނަޖިހުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުން، އަދި މީދަލުގެ ކުޑަކަމުދާ ނަޖިހުގެ އަސަރު މީހެއްގެ ގައިގާ ހެދިފައިވާ ފާރުގަނޑަކަށް ފޯރުން ހިމެނެއެވެ.

މީދަލުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ސީދާ މީދަލުގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާއި ނުސީދާ ގޮތެއްގައި ފެތުރޭ ބަލިތައް ހުރެއެވެ. މީދަލުގެ ސަބަބުންޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ސްކްރަފްޓައިފަސް ފެތުރި 2006ވަނަ އަހަރު ރާއްޖޭގެ އެއްރަށަކުން 7 ކުދިން ނިޔާވެފައިވެއެވެ.

އެހެންކަމުން މިދުވަސްވަރު ޚާއްސަކޮށް މިފަދަ ޖަަނަވާރުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ޚާއްސަ ސަމާލުކަންދީ މިތަކެތީގެ ޒަރިއްޔާއިން ބަލިތައް ފެތުރެން މަގުފަހިވާކަންކަން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.