ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރަނީ، އަލުން ހުޅުވަން މަސްދުވަސް ނަގާނެ


މިމަސް ނިމުމުން ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރުމަށް ބަންދު ކުރާއިރު، އެތަން އަލުން ހުޅުވުމަށް މަހެއްހާ ދުވަސް ނަގާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކޮށް، އެތަނުގައި މިހާރު ހިންގާ ގޮޅިތައް މިމަހުގެ ނިޔަލަށް ހުސްކުރަން ޖެހޭކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކޮށް ނިމުމާއެކު އެތަނުގައި ހުންނަ ގޮޅިތައް މަދުވާނެކަމަށާއި އެގޮތުން އެތަނުގައި ހުންނާނީ 63 ގޮޅިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނީ ގޮޅިތައް މަދުވިޔަސް، ޖާގައިގެ ގޮތުން ގޮޅިތައް ބޮޑުވާނޭކަމަށެވެ.

ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 10 ފޫޓް ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިހާރު މާރުކޭޓްގެ ގޮޅިއެއްގައި ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ. އަލަށް ތަރައްޤީކުރާ މާރުކޭޓްގައި ހިނގާ މަގުތައްވެސް ފުޅާވާނެކަމަށް ކައުންސިލުން ބުނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ މާރުކޭޓުގައި ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ވިއްކަމުންދާއިރު، އެތަކެތިން މީގެފަހުން ޓެކްސް ނެގޭނެ ކަމަަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު 160 ގޮޅި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަމުންދަނީ ފަންސާހަކަށް ދިވެހިންނެވެ. މި ފަރާތްތަކަށް ދީފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާކަމަށާއި ބައެއް ފަރާތްތައް އެގްރީމަންޓް އާކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންނަމަވެސް މިފަރާތްތަކުގެ ތެރެއިން ޤަވައިދާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ދަތުރުވެރިންގެ މާރުކޭޓް ހުސްކުރި ނަމަވެސް އެހެން ސަރަހައްދެއްގައި ވިޔަފާރި ކުރެވޭނެ ގޮތް ހޯދައިދޭނެކަމަށް ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.