ތަޢުލީމު

"ނެޝެނަލް ލިޓްރެސީ އެންޑް މެތެމެޓިކްސް ސްޓްރެޓެޖީއެއް" އެކުލަވާލަނީ


"ނެޝެނަލް ލިޓްރެސީ އެންޑް މެތެމެޓިކްސް ސްޓްރެޓެޖީއެއް" ނުވަތަ ލިޔަންކިޔަން ދަތުމާއި ހިސާބު ޢިލްމާބެހޭ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، އެން.އައި.އީގެ ކަރިކިއުލަމް ޑިޕާޓްމަންޓް ހިންގެވުމާ ވަގުތީގޮތުން ޙަވާލުވެ ހުންނެވި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އަޙްމަދު ރަފީޢު ވިދާޅުވީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ފަށާތަޢުލީމުގެ މަރުހަލާގައި ކިޔަވާ ދަރިވަރުންގެ މެދުގައި ދޭހަވުމާއި، ވިސްނުމާއި، އަމިއްލައަށް ކަންކަން ކުރުމުގެ ހުނަރު ދަށްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ކުދިންގެ މެދުގައި ހިސާބާއި ބަސް އުނގެނުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށްޓަކާ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރަފީޢު ވިދާޅުވިއެވެ. ރަފީޢު ވިދާޅުވީ މި މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ "ސޭވް ދަ ޗިލްޑްރަން"ގެ އެހީތެރިކަމާއެކު "އެމަރޖެންޓް ލިޓެރެސީ އެންޑް މެތެމެޓިކްސް"ގެ ނަމުގައި ޙާއްސަ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މިފެށޭ ހަފްތާގައި މި ޕްރޮޖެކްޓް ރާއްޖޭގެ އެކި ސްކޫލްތަކުގައި ފެށިގެންދާނެކަމަށާއި، މި ޕްރޮޖެކްޓްގެ ތެރެއިން ޕްރީ-ސްކޫލް މަރުހަލާއާއި ގްރޭޑް 1،2،3 ގެ ކުދިންގެ ދިވެހިބަހާއި، އިނގިރޭސި ބަހުގެ އިތުރުން ހިސާބު ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ރަފީޢު ވިދާޅުވިއެވެ.

ރަފީޢު ވިދާޅުވީ، ނެޝެނަލް ލިޓްރެސީ އެންޑް މެތަމެޓިކްސް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތްވެސް އެން.އައި.އީން ކުރަމުންދާކަމަށާ، އެކަމަށް ބޭނުންވާ ޑްރާފްޓެއްވެސް އެއިންސްޓިޓިއުޓުން މިހާރު އެކުލަވާލާފައިވާކަމާށެވެ. އަދި ސޭވް ދަ ޗިލްޑްރަންގެ އެހީއާއެކު ކުރިއަށްގެންދާ މިޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ތަފާތު މަޢުލޫމާތުތަކުގެ އަލީގައި މިޑްރާފްޓް އިތުރު ފުރިހަމަކޮށް، ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ ފަންނީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ޤައުމީ ފެންވަރެއްގައި ބަހާއި ހިސާބު ޢިލްމު އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާކުރާނެ ގޮތުގެ ތަޞައްވުރެ އެކުލަވާލާނެކަމަށްވެސް ރަފީޢު ވިދާޅުވިއެވެ.