މުނިފޫހިފިލުވުން

"އޯ ސާކީ ސާކީ" ރަނގަޅަށްވެސް ވައިގައި ހިފައިފި


އަޞްޙާ ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފޯރިގަދަ ޙަރަކާތްތަކެއް މިފަހަރުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ސަޤާފީ އެކި ކުޅިވަރުތަކާއި، ކުލަ ޖެހުމާއި، ސްޓޭޖް ޝޯވތައް މިހެންގޮސް ޢީދު ފާހަގަކުރުމަށް ތަފާތު އެކި ހަރަކާތްތައް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުރިއަށްގެންގޮސްފައިވެއެވެ. މީގެ ތެރެއިންވެސް މިއުޒިކް ޝޯވތަކާއި ސްޓޭޖް ޝޯވތަކަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ބޮޑު ތަރުޙީބެއް ލިބޭ، އަދި އެހަރަކާތަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުވެސް ކުރާ އެއް ޙާރަކާތެކެވެ. އެއިރެއްގައި އެންމެ ނަން ހިނގާ މިއުޒިކް ބޭންޑްތަކާއި، މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނަށް ދަޢުވަތުދީ، އެއް ރަށަށްވުރެ އަނެއް ރަށުގައި ފޯރިގަދަ ޝޯވއެއް ބޭއްވުމަށް ވަރަށްވެސް ވާދަވެރި ރޫހެއްގައި ކޮންމެ އަހަރަކުވެސް ރަށްރަށުގައި އަންނަނީ މިކަން ކުރަމުންނެވެ.

މިއާއެކު މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުޑަ ޢީދާއި ބޮޑު ޢީދު ބަންދުވެގެންދަނީ ވަރަށް ޑިމާންޑު ބޮޑު، އެހާމެ ބިޒީ ދުވަސްކޮޅަކަށެވެ. ކޮންމެއަކަސް އަޞްޙާ ޢީދުގެ ފޯރި ނިމި، ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން އެނބުރި އެމީހުންގެ ވަޒަނަށް އައިސްފައިވާއިރު، މިފަހަރުގެ ޢީދު ޝޯވތަކުގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި ހިންދީ ފިލްމް "ބަޓްލާ ހައުސް"ގައި ހިމެނޭ "އޯ ސާކީ ސާކީ" މި ލަވައޭ ބުނުމަކުން މުޅިއަކުން ދޮގަކަށްނުވާނެއެވެ.

ދިވެހި ނަށާ ގްރޫޕްތަކައާއި، ފިލްމީ ފަންނާނުންނަށްވެސް އެ ލަވައަކަށް ނެށުމަށް މިފަހަރު އެންމެ ގިނައިން ރިކުއެސްޓް އައި ލަވައަކީ "އޯ ސާކީ ސާކީ"އެވެ. ބައެއް ފަހަރު އެއް ޝޯވއެއްގެ ތެރެއިން ތިން ހަތަރު ފަހަރުވެސް މި ލަވަ ޕަރފޯމްކޮށްފައި އެބަހުއްޓެވެ. ރާއްޖޭގެ ބައެއް ނަން މަޝްހޫރު ފިލްމީ ފަންނާނުންވެސް މި ލަވައަށް ނަށާފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ޢީދު ބަންދުތެރޭ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މިފަހަރު ޢީދުގައި އެންމެ އަޑުހަރުކޮށް ޖަހާފައިވަނީ "އޯ ސާކީ ސާކީ"އެވެ.

ކުރީގެ ހިންދީ ފިލްމްތަކުގައި ހިމެނޭ މަޝްހޫރު ލަވަތަކުގެ ރިމިކްސްތަކާއި ރީ-މޭކްތައް ހެދުން އެއީ މިހާރު ބޮލީވުޑްގައި ވަރަށް ޢާއްމުކަމެކެވެ. ބައެއް ފަހަރު ފިލްމްތަކަށް އޮންނަ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުން އައިޓަމް ސޯންގެއްގެގޮތުގައިވެސް މިފަދަ ލަވަތައް ނެރެމުންދެއެވެ. މިގޮތުން މިހާރު އެންމެ ގަދަޔަ ހިންދީ ލަވަ ޗާޓުތަކުގައި ވިދަމުންދާ އެއް ލަވައަކީ 2004ވަނަ އަހަރު ރިލީޒްކުރި "މުސާފިރް"ގައި ހިމެނޭ ލަވައެއްކަމަށްވާ "އޯ ސާކީ ސާކީ"ގެ ރީ-މޭކެވެ. ފަހުގެ ލަވައިން ނޯރާ ފަތޭހީގެ ނެށުމުގެ ކުޅަދާނަކަން ވަރަށްވެސް ފުރިހަމައަށް ދައްކުވައިދީފައިވާއިރު، މި ލަވައަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

ޔޫޓިއުބަށް މި ލަވަ ދޫކޮށްލިތާ މަސްދުވަސްތެރޭ މި ލަވައަށް 143 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ޓިކްޓޮކުގައި މި ލަވައިގެ ސްޓެޕްތަކަށް ބަނޑިބަނޑި ލައްވާ ފަރާތްތައްވެސް ވަކި މަދެއްނޫނެވެ. "ބަޓްލާ ހައުސް"އަށް އުއްމީދުކުރި ވަރުގެ ތަރުޙީބެއް ބެލުންތެރިންގެ ފަރާތުން ނުލިބުނެއްކަމަކު، "އޯ ސާކީ ސާކީ" މިވަނީ ރަނގަޅަށްވެސް ވައިގައި ހިފާފައެވެ.