މުނިފޫހިފިލުވުން

ރާޅޭގެ "ހީލާ" - އަޑުއަހާލަން ހިތްގައިމު


އޮލިމްޕަހުގައި ދެން އެންމެ އަވަހަށް އެޅުވުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމް "ބަވަތި"ގެ އައު ވީޑިއޯ ލަވަ ޢާއްމުކޮށްފިއެވެ.

"ހީލާ" މިނަންދީފައިވާ މި ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި ޒުވާން ލަވަކިޔުންތެރިޔާ އަޙްމަދު ނަޒީޙު، (ރާޅޭ)އެވެ. އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެމާއި މެލޮޑީވެސް ހަދާފައިވަނީ ނަޒީޙު އަމިއްލައަށެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އިސްމާޢިލް އަދީލު (މިސްޓީ) އެވެ.

މަޑުމައިތިރި ރާގެއްގެ "ބީޗު" ވައިބެއް ގެނެސްދޭ މި ލަވައިގެ ވީޑިއޯއިން "ބަވަތި"ގެ ލީޑު ރޯލުން ފެނިގެންދާ 2 ތަރިން ކަމަށްވާ ނުޒުހަތު ޝުޢައިބާއި، އިފްނާޒް އަޙްމަދު ފިރާޤް ފެނިގެންދާއިރު، ފިލްމުގެ ބައެއް މަންޒަރުތަކާއި، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދައްކުވައިދޭ ހިތްގައިމު މަންޒަރުތަކެއްވެސް މި ވީޑިއޯ ލަވައިން ފެނިގެންދެއެވެ.

އަންނަމަހުގެ 2ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބަވަތި"ގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ޢާއިލީ މައްސަލަތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާގޮތުގެ މައްޗަށެވެ. ފިލްމުގެ ޓިކެޓް މިމަހުގެ 20ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާއިރު، ޓިކެޓަށް ޕްރީ-ބުކް ކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

މިއީ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗަރ ފިލްމުކަމަށްވާއިރު، ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީވެސް މި ދާއިރާއަށް އައު ފަރާތެއްކަމަށްވާ އިލްޔާސް ވަހީދެވެ. ފިލްމްގެ ޓީޒަރ ޓްރެއިލަރތަކާއި އޮފިޝަލް ޓްރެއިލަރ އާއްމުކުރުމާއެކު، މި ފިލްމަށް ކުރެވޭ އިންތިޒާރު އެތައް ގުނައެއް އިތުރުވެ، މުޅި ސޯޝަލް މީޑިއާގައި މި ފިލްމުގެ ވާހަކަވަނީ ވައިގައި ހިފާފައެވެ. މި ފިލްމްގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ފިލްމުގެ ޓައިޓަލް ނަމާއި ގުޅުވައިގެން ޕްރޮމޯޝަނަލް ލަވައެއްވެސް ނެރެފައިވާއިރު، އެ ލަވައަށްވެސް އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައެވެ.

މި ފިލްމަށް ކުރެވޭ އުއްމީދު ވަރަށްވެސް ބޮޑުކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާއިރު، މިއީ ދިވެހި ސިނަމާތަކަށް މިއަހަރު އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށްވެސް އައި ފިލްމްސްއިން ބުނެއެވެ. އަންނަމަހުގެ 2 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމް "ބަވަތި"ގެ ޖުމްލަ 21 ޝޯވ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.