ތަޢުލީމު

ޤައުމީ އައު މަންހަޖު ތަންފީޒުވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ


ރާއްޖޭގެ ސްކޫލްތަކުގައި ޤައުމީ އައު މަންހަޖު ތަންފީޒުކުރެވެމުންދާ މިންވަރު ދެނެގަތުމަށް ޙާއްސަ ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ވިދާޅުވެއްޖެއެވެ.

މިއީ 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޤައުމީ އައު މަންހަޖު މުރާޖާކޮށް، ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއްކަމަށް އެން.އައި.އީން މަޢުލޫމާތުދެއްވައެވެ.

2014 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު އުނގަންނައިދިނުމުގައި ބޭނުންކޮށްފައިވަނީ 1982 ވަނަ އަހަރު ލިޔެ، ޢަމަލުކުރަން ފެށުނު ޤައުމީ މަންހަޖެވެ. އެ މަންހަޖަށް ޒަމާނީ ބަދަލުތަކެއް ގެނެސް، އައު މަންހަޖަށް އަމަލުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކުގައެވެ.

މީގެ ކުރިން އަމަލުކުރަމުންދިޔަ މަންހަޖާ ޚިލާފަށް، އައު މަންހަޖު ފަރުމާކޮށްފައިވަނީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއަށް ދަރިވަރުންގެ ލޯތައް ހުޅުވައިދީ، ބަވަނަވަމުންދާ ދުނިޔޭގައި ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ތަރައްޤީކުރުމުގެ މައްޗަށެވެ. ވަކިން ޙާއްސަކޮށް، މަސައްކަތުގެ މައިދާނަށް ކުއްޖާ ތައްޔާރުކުރުމަށް ބޭނުންވާ މުވާސަލާތުކުރުމުގެ ތަފާތު ހުނަރުތަކާއި، ކަންކަމަށް އަމިއްލައަށް އިސްނަގައިގެން ކުރިމަތިލުމާއި، ރިވެތި އަޙްލާޤު ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އައު މަންހަޖުގައި ވަނީ ޚާއްސަ އިސްކަމެއްދީފައެވެ.

އައު މަންހަޖު މުރާޖާކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީގެ ކަރިކިއުލަމް ޑިޕާޓްމަންޓް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އަޙްމަދު ރަފީޢު ވިދާޅުވީ، އައު މަންހަޖު ތަންފީޒުކުރުމުގެ މަސައްކަތް ކީ-ސްޓޭޖްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް، މަންހަޖު އެންމެ އެކަށީގެންވާގޮތުގައި ތަންފީޒުކުރުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން އެ އިންސްޓިޓިއުޓަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޙާއްސަކޮށް އައު މަންހަޖަށް އެންމެ ބޭނުންވާ މިންވަރަށް ޓީޗަރުން އަހުލުވެރިވެފައިނެތްކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަފީޢު ވިދާޅުވީ، ޤައުމީ އައު މަންހަޖު ރާއްޖޭގެ ސްކޫލްތަކުގައި ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް އެން.އައި.އީން މިހާރު ތައްޔާރުވަމުންދާކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ކެމްބްރިޖް އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަންގެ އެހީތެރިކަމާއެކު ކަމަށްވެސް ރަފީޢު ވިދާޅުވިއެވެ. އަދި މި ދިރާސާގެ ތެރެއިން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭހެން ހޮވާލެވޭ ސްކޫލްތަކަކަށް ޒިޔާރަތްކޮށް، މަންހަޖު ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުވާ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާގުޅޭ މަޢުލޫމާތު އެއްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަފީޢު ވިދާޅުވީ، ޤައުމީ އައު މަންހަޖާއެކު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކަށީގެންވާ ވަރުގެ ބަދަލުތަކެއް އަތުވެދާނެކަމާމެދު އަދި ގޮތެއް ނިންމުން އަވަސްކަމަށެވެ. އަދި މަންހަޖު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށާއި، އޭގެން ނަތީޖާ ހާޞިލުކުރުމަށް ވަގުތު ނަގާނެކަމަށާއި، ނަމަވެސް މިހާރުވެސް ކުދިންގެ ކިބައިން ތަފާތުތަކެއް ފެންނަން ފަށާފައިވާކަމަށް ރަފީޢު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޤައުމީ އައު މަންހަޖު ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ކުރާ ދިރާސާގައި މައިގަނޑުގޮތެއްގައި ބަލާނީ ބޭބީ ނާސަރީއިން ފެށިގެން ގްރޭން 1،2،3 ގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މައްޗަށްކަމަށް އެން.އައި.އީން ވިދާޅުވެއެވެ. އަދި މި ދިރާސާގެ ތެރެއިން ސްކޫލްތަކުގެ ޓީޗަރުންނާ އިންޓަރވިއުކުރުމާއި، ސްކޫލްތަކުގެ މެނޭޖްމަންޓާއި ޕީ.ޓީ.އޭ މެމްބަރުންގެ ފަރާތުންވެސް މަޢުލޫމާތު އެއްކުރާނެކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވެއެވެ.

ޤައުމީ އައު މަންހަޖަށް ގެންނަން ފެންނަ ބަދަލުތަކާގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ހޯދުމުގެގޮތުން "ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާ"ގެ ނަމުގައި ޚާއްސަ މަހާސިންތާއެއްވެސް މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.