ކުޅިވަރު

ރާއްޖޭގެ ޓީމުން ހީކުރިވަރަށްވުރެ ވަރުގަދަ - ލަންކާ ކޯޗު


ތިން މެޗްގައިވެސް ރާއްޖޭގެ ޓީމުން ހީކުރިވަރަށްވުރެ ވަރުގަދަ ވަރުގަދަ ވާދައެއް ކުރިކަމަށް ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މެނުޚެލް ޓޮރޭސް ބުނެފިއެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ ދައުވަތަކަށް މާލެއައި ސްރީލަންކާ ޓީމްއިންވަނީ ރާއްޖޭގެ ޤައުމީ ޓީމާއިއެކު އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ.

ފުރަތަމަ މެޗުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވެފައިވާއިރު، ފަހު ދެ މެޗުން ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ރާއްޖެއިން މިމެޗުތައް ކުޅެފައިވަނީ މިމަހުގެ 18ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. އަދި ސްރީލަންކާއިން މިމެޗްތަށް ކުޅެފައިވަނީ ޑިސެންބަރު މަހުގެ އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށެވެ.

ސްރީ ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މެނުޚެލް ޓޮރޭސް ބުނީ މިތިން މެޗްގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާ ޓީމްއަށްވެސް ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށެވެ. މިމެޗްތަކުގެ ސަބަބުން ސްރީލަންކާ ޓީމްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ޓެސްޓްކޮށް ލެވިއްޖެކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ތަޖްރިބާ އާއި ހުނަރުގެ މި ތިން މެޗުތައި ވަރަށް ބޮޑަށް ފާހަގަވިކަމަށް އޭނާ ބުނިއެވެ. ކޯޗު މެނުޚެލް ޓޮރޭސް ބުނީ ވޮލީބޯޅައިގެ ވާދަވެރި އެކުވެރިކަމުގެ މެޗުތައް ހަމަޖެއްސުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ރާއްޖެއިން މިކަހަލަ މެޗުތަކަށް އިސްނަގައި މިކަން ހަމަޖެއްސީތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މެނުޚެލް ޓޮރޭސްވަނީ މިތިން މެޗް ހަމަޖައްސައިދީނުމުގައި އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފަށް ޝުކުރުއަދާކޮށްފައެވެ. އަދި ސްރީލަންކާގެ ޤައުމީ ޓީމަށް ރާއްޖެއިން ދީފައިވާ މެހެމާންދާރީއަށްވެސް އޭނާވަނީ ވަރަށް ބޮޑު ޝުކުރުއަދާކޮށްފައެވެ.