ތަޢުލީމު

މިއަހަރުގެ ޓީޗަރސް ކޮންފަރެންސަށް 98 ކަރުދާހެއް


އަންނަމަހު ބޭއްވުމަށް ތައްޔާރުވަމުންދާ 5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި 98 ކަރުދާހެއް ހުށަހަޅާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަކީ ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާމެދު އެކަޑެމިކް ގޮތެއްގައި މަޝްވަރާކޮށް ތަފާތު ދިރާސާތައް ކުރުމަށް ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް އަމާޒުކޮށްގެން ބާއްވާ ޙާއްސަ ކޮންފަރެންސެކެވެ. މީގެ 5 ވަނަ ކޮންފަރެންސް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މާލެސިޓީން ބޭރުގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ކޮންފަރެންސަށް ވަމުންދާ ތައްޔާރީތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސަށްވެސް ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ކޮންފަރެންސްގައި ބައިވެރިވުމަށާއި ކަރުދާސް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ އަދަދެއްގެ ކަރުދާސްތަކެއް އެކި ފަރާތްތަކުން ހުށަހަޅާފައިވާއިރު، ފެންވަރު ވަޒަންކުރުމަށްފަހު، އޭގެތެރެއިން 98 ކަރުދާހެއް މިފަހަރުގެ ކޮންފަރެންސްގެ ތެރޭގައި ހުށަހެޅި މަޝްވަރާކުރެވިގެންދާނެކަމަށް ޝުހުދާ ވިދާޅުވިއެވެ.

މިފަހަރުގެ ކޮންފަރެންސަށް އެން.އައި.އީގެ ފަރާތުންވެސް 14 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވެއެވެ. މީގެ ތެރޭގައި ޤައުމީ މަންހަޖާއި ގުޅުންހުރި ތަފާތު ކަރުދާސްތަކާއި، ވަކިވަކި މާއްދާތަކަށް ޙާއްސަ ކަރުދާސްތަކާއި، ކުދިންގެ އެސެސްމަންޓުގެ ކަންކަން ރާވާ ހިންގުމާއި، ބަސް ކިޔަވައިދިނުމާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ ތަފާތު މޮޑިއުލްތަކާގުޅުންހުރި ކަރުދާސްތައް ހިމެނޭކަމަށް އެން.އައި.އީން ވިދާޅުވެއެވެ.

5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އޮންނާނީ އަންނަމަހުގެ 4 އިން 5 އަކަށް އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ. މިފަހަރުގެ ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން، އިނގިރޭސިވިލާތުގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ޤައުމުތަކާއި، ސިންގަޕޫރު، މެލޭޝިއާ އަދި އިނގިރޭސިވިލާތްފަދަ ޤައުމުތަކުގެ ޢިލްމީ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އެން.އައި.އީން ވިދާޅުވެއެވެ. އަދި މި ކޮންފަރެންސްގައި އިލްމީ ކަރުދާސް ހުށަހެޅުމުގެ އިތުރުން، ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ތަފާތު ވޯކްޝޮޕްތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއްވައެވެ.

އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނެއުމަކީ މި ކޮންފަރެންސް ބޭއްވުމުގެ މުހިއްމު މަޤުޞަދެއްކަމަށް އެން.އައި.އީން ވިދާޅުވެއެވެ.