މުނިފޫހިފިލުވުން

"ޝޯލޭ"އަށް 44 އަހަރު، އަދިވެސް އެވަރެއްނެތް!


ހިންދީ ސިނަމާގެ ދިގު ތާރީޚުގައިވެސް ނެރުން އެންމެ ކާމިޔާބު ފިލްމަކީ "ޝޯލޭ"އޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ކުޅަދާނަ ޑައިރެކްޓަރ ރަމޭޝް ސިޕީގެ "ޝޯލޭ" ވެފައިވަނީ ހިންދީ ފިލްމްތަކަށް ލޯބިކުރާ އެތައް ބައެއްގެ ހިތްތަކުން ޙާއްސަ ޖާގައެއް ހޯދި ފިލްމަކަށެވެ. އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް 1975 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި "ޝޯލޭ" ގިނަބަޔަކު އަދިވެސް ސިފަކުރަނީ ބޮލީވުޑްގެ އެންމެ އައިކޯނިކް ފިލްމުގެ ގޮތުގައެވެ.

މި ފިލްމުގެ ވާހަކައިން ފެށިގެން، ފިލްމުގައި ހަރަކާތްތެރިވާ ސްޓަރ-ކާސްޓުންނާއި، ލަވައާއި މިއުޒިކާއި، ސިނެމެޓޯގްރަފީއަށް އެތައްބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވެއެވެ. މި ފިލްމުގެ ޑައިލޮގްތަކަކީ ދިވެހިންގެ މެދުގައި މިހާރުވެސް މަޤުބޫލު ޑައިލޮގްތަކެކެވެ.

"ޝޯލޭ"އަށް ބެލުންތެރިންގެ ހިތްތަކުގައި ޙާއްސަ ޖާގައެއް ދެވުން އެތައް ސަބަބެއްވެއެވެ. މީގެތެރެއިންވެސް އެންމެ ގިނަބައެއްގެ ސަމާލުކަން މި ފިލްމަށް ލިބިގެންދިޔަ ސަބަބަކީ ފިލްމުގެ މެއިން ކާސްޓުންކަމަށްވާ ވީރޫ (ދަރްމެންދުރަ)އާއި ޖޭ (އަމިތާބު ބަޗަން) ދައްކުވައިދިން އެކުވެރިކަމުގެ ލާމަސީލު ނަމޫނާއަށެވެ. ފިލްމުގެ ލީޑު ރޯލުތަކުން މި ދެ ފަންނާނުން ފެނުނަމަވެސް މުޅި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ރިޓަޔަޓް ޕޮލިސް އޮފިސަރަކު ޓާކޫރެއްގެ ކިބައިން ބަދަލުހިފުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ. އޭނާ މިކަން ކުރަނީ ފިލްމުގައި ދެ ކުށްވެރިންގެ ގޮތުގައި ފެނިގެންދާ ވީރޫއާއި ޖޭގެ އެހީތެރިކަމާއެކުއެވެ.

މި ފިލްމް ޙާއްސަވާ އަނެއް މުހިއްމު ސަބަބަކީ ފިލްމުގައި ވިލަންއެއްގެ ރޯލުން ފެނިގެންދާ "ގައްބަރު ސިންގް"ގެ ކެރެކްޓަރ އަމްޖަދު ޚާން ގެނެސްދީފައިވާލެއް ފުރިހަމަކަމުންނެވެ. އާއްމުކޮށްވެސް ނެގެޓިވް ރޯލުތަކުން ފެނިފައިވާ އަމްޖަދު ޚާންގެ ފަރާތުން މި ފިލްމުގައި ދައްކުވައިދީފައިވަނީ އާދަޔާ ޚިލާފު މޮޅު އެކްޓިންނެކެވެ. މި 3 ކެރެކްޓަރގެ އިތުރުން ފިލްމުގައި ވީރޫއާއި ޖޭގެ ލޯބިވެރިންގެ ގޮތުގައި ފެނިގެންދާ ބަސަންތީ (ހެމާ މާލިނީ)އާއި ރާދާ (ޖަޔަ ބަދޫރީ)ގެ މޮޅު އެކްޓިންނާއެކު މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ސަލިމް ވާޖިދުގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމް ރިލީޒްކޮށްފައިވަނީ "ރޯމެންޓިކް" ޖޯންރާގެ ފިލްމްތަކަށް އިންޑިއާ ސިނަމާތަކުގައި ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްގައެވެ. ފުލުފުލުގައި ހިޓް ފިލްމްތަކެއް އަޅުވަމުންދިޔަ ދުވަސްވަރެއްގައި ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަށް މާބޮޑު ކާމިޔާބީއެއް ލިބިދާނެކަމާމެދު ފިލްމުގެ މުޅި ޕްރޮޑަކްޝަން ޓީމުވެސް އޮތީ ޚިޔާލުތަފާތުވުމެއްގެ ތެރޭގައެވެ.

ފިލްމް ރިލީޒްކުރުމާއެކު ބޮޑެތި ފާޑުކިޔުންތަކެއްވެސް ފިލްމަށް އަމާޒުވެގެންދިޔައެވެ. ނަމަވެސް މިހުރިހާކަމަކާއެކުވެސް މި ފިލްމްވެފައިވަނީ ބޮލީވުޑް ބޮކްސް އޮފީހުގެ ތާރީޚުގައިވެސް 10 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.

"ޝޯލޭ" ރިލީޒްކުރުމާއި ހަމައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ގޮތުގައި އޮތީ 1960 ރިލީޒްކުރި "މުގަލް-އޭ އާޒަމް"އެވެ. އެ ފިލްމަށް ލިބިފައިވަނީ 5.5 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ނަމަވެސް އޭގެ 15 އަހަރުފަހުން ރިލީޒްކުރި ޝޯލޭވަނީ، އެ ރިކޯޑް މުގުރާލާ، 15 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. 1994 ގައި ރިލީޒްކުރި ސަލްމާނާއި މަދޫރީގެ ލޯބީގެ ކެމިސްޓްރީ ފެނިގެންދާ "ހަމް އާޕްކޭ ހޭ ކޯން" ރިލީޒްކުރުމާހަމައަށް 19 އަހަރު ވަންދެން ޝޯލޭ ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ރަސްކަންކޮށްފައެވެ.

އެންމެ މޮޅު 10 އިންޑިއަން ފިލްމު ހޮވުމަށް 2002 ވަނަ އަހަރު ބްރިޓިޝް ފިލްމް އިންސްޓިޓިއުޓުން ނެގި ޕޯލެއްގެ އެއްވަނަގައިވެސް ޝޯލޭ ވަނީ ހިމެނިފައެވެ. އަދި 2005 ވަނަ އަހަރު ބޭއްވި 50 ވަނަ ފިލްމްފެއަރ އެވޯޑުގައި "ބެސްޓް ފިލްމް އޮފް 50 އިޔަރސް"ގެ އެވޯޑް މި ފިލްމަށް ވަނީ ލިބިފައެވެ. ފިލްމް "ޝޯލޭ" ބީ.ބީ.ސީ އިންޑިއާއިން ސިފަކޮށްފައިވަނީ "ފިލްމް އޮފް ދަ މިލޭނިއަމް"ގެ ގޮތުގައެވެ. އަދި ހިންދުސްތާން ޓައިމްސްއިން މި ފިލްމް ސިފަކޮށްފައިވަނީ "ފިލްމް އޮފް ދަ ސެންޗަރީ"ގެ ގޮތުގައެވެ.

ކޮންމެއަކަސް 44 އަހަރުވީ ދިގު ތާރީޚުގައިވެސް މި ފިލްމާ ގާތްކުރާ ވަރުގެ މޮޅު ފިލްމެއް އިންޑިއާގެ ސިނަމާތަކަށް އައިސްފައިނުވާކަމަށް އަދިވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.