ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލަކީ އާސަންދައިގެ ވިޔަފާރީގެ މަރުކަޒަކަށް ހަދާކަށް ބޭނުމެއްނޫން - އާސަންދަ


ހުޅުމާލޭ ހޮސްޕިޓަލަކީ އާސަންދައިގެ ވިޔަފާރީގެ މަރުކަޒަކަށް ހަދަން ބޭނުންނުވާ ކަމުގައި އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުނިން ހިންގަމުންދާ ހުޅުމާލޭ ހޮސްޕިޓަލާމެދު އެކުންފުނީގެ ވިސްނުން ހާމަކުރައްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، އެކުންފުނިން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ. އާސަންދަ ކުންފުންޏާ، މިހާރުގެ ބޯޑުން ހަވާލުވިއިރުވެސް، ހުޅުމާލޭ ހޮސްޕިޓަލަކީ އެކުންފުނީގެ ދަށުގައި އޮތް ތަނަކަމަށާ، ހޮސްޕިޓަލުގެ ޚިދުމަތް ރަގަޅުކޮށް ވަސީލަތްތައް ހަރުދަނާކުރުމުގެ މަސައްކަތް އާސަންދައިން ކޮށްފައިވާނެކަމަށް އޭނާވިދާޅުވިއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ހުރި މައްސަލަތަކުގެ ތެރެއިން ކްލިނިކަލް މައްސަލަތަކާއި ސަޕްލައި އިޝޫތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކޮށްފައިވާނެކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރުވެސް ބެހެއްޓިފައިހުރިއިރު އެޔަށް ބޭނުންވާ ކިޓްތައް ނުލިބުމުގެ ސަބަބުން ބޭނުންނުކުރެވޭ ކަމަށާ ނަމަވެސް އެކުންފުނިން އެސްޓީއޯއާއި ވާހަކަދައްކައިގެން ވެންޓިލޭޓަރުގެ ޚިދުމަތްވެސް ލިބޭނެގޮތް ހަދާފައިވާކަމަށެވެ. މީގެއިތުރުން އެމްއާރުއައި ނެގޭނެ އިންތިޒާމާއި، ސީޓީ ސްކޭން ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާނޭކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ގިނަ ޙިދުމަތްތަކެއް އެހޮސްޕިޓަލުން ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ޢިމާރާތްކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން 3 ބުރީގެ ޢިމާރާތަކާއި 6 ބުރީގެ ޢިމާރާތެއް ރާނައިނިމި ބޭނުންނުކޮށް ހުރިކަމަށް އާސަންދަ ކުންފުނީގެ އެމްޑީ ފާހަގަކުރެއްވިއެވެ. އެކުންފުނިން މަސައްކަތް ކުރަނީ 3 ބުރީގެ ޢިމާރާތުގައި ޕްރައިވެޓް ރޫމްތަކެއް ހެދުމަށްކަމަށާއި، 6 ބުރީގެ ޢިމާރާތުގެ ތިރީގައި އާސަންދައިގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހިންގަމުންދާއިރު އަނެއް 5 ބުރި ހުރީ ހުސްކޮށްކަމަށް އޭނާފާހަގަކުރެއްވިއެވެ. މިޢިމާރާތްވެސް، ހޮސްޕިޓަލަށް ފައިދާވާނެ ގޮތަކަށް ޑިވެލޮޕްކުރެވިއްޖެނަމަ ބޮޑުކުރިއެރުމެއް އަންނާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރުހުރި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަރިޔަމް ޝަފީޤް ވިދާޅުވީ އެ ހޮސްޕިޓަލުގައި ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވަކަމަށެވެ. 14 ޕްރޮޖެކްޓެއް އާސަންދަ ކުންފުނިން ހުޅުމާލޭ ހޮސްޕިޓަލާއި ހަވާލުވިއިރުވެސް އެގްރިމެންޓް ކުރެވިފައިވާކަމަށާ، އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކަށް އެޑްވާސަށް ފައިސާދިނުމަށްފަހު މަސައްކަތެއްވެސް ނުކޮށް ހުރިކަން ފާހަގަކުރެވިފައިވާކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ. އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ މިއެގްރިމަންޓްތަކަށް ލީގަލް އޮޕީނިއަންއެއް ހޯދުމަށްކަމަށާ، ވަރަށް އަވަހަށް އެމަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި މިހާރުވެސް އެކުންފުނިން ބަލަންޖެހޭ ބެލުންތަކަށްފަހު ބައެއް ޕްރޮޖެކްޓްތައް ހުއްޓުވާފައިވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން މިހާރު ހިންގަމުންދާ ހުޅުމާލޭ ހޮޕިޓަލް ހިންގުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަވެސް އެމްޑީވަނީ ވިދާޅުވެފައެވެ. އަދި އެކުންފުނީގެ ހުރިހާވެސް އަމާޒެއްއޮތީ ވިޔަފާރީގެ ތެރެއަށްނުވަދެ އާސަންދައިގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށް ދިނުންކަމަށެވެ.

އިޖްތިމާޢީ އަދި ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ރަގަޅު ފެންވަރެއްގެ އަސާސީ ޞިއްޙީ ޚިދުމަތް ފޯރޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މިކުންފުންޏަކީ ފައިސާލިބޭނެ އެއްވެސް ވަސީލަތެއް ނެތި އާންމު ރައްޔިތުންގެ ސިއްޙީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.