ޚަބަރު

"އުކުޅަސް ޓެކް ފެއަރ" މިމަހު 26ގައި


ޓެކްނޮލޮޖީގެ ދާއިރާގެ ފުންނާބުއުސް ފަރާތްތައް ހިމެނޭ އައިއީއީއީން އިންތިޒާމުކުރާ "އުކުޅަސް ޓެކް ފެއަރ" މިމަހު 26އިން 28އަށް ކުރިއަށްގެންދަން ނިންމައިފިއެވެ.

އުކުޅަހުގައި ކުރިއަށް ގެންދާ މި ޓެކް ފެއަރ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) އަދި އުގައިލް ފައުންޑޭޝަން ގުޅިގެންނެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުން ޓެކްނޮލޮޖީގެ ދާއިރާއިން އެފަރާތްތަކުގެ އައު ހޯދުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. މި ފެއަރއަކީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެއަރއެކެވެ.

މި ފެއަރގައި ރާއްޖޭގެ ބައެއް މިނިސްޓްރީތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އެމީހުންގެ އައު ހޯދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން އެމެރިކާ ލިތުވޭނިޔާ އަދި ސްޕެއިންގެ ޔުނިވަރސިޓީތަކާއި ކުންފުނިތަކުން މިފެއަރގައި ބައިވެރިވެ ހުށަހެޅުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.

މި ފެއަރގައި ޚާއްސަ ކަމެއްގެ ގޮތުން، ޚާއްސަ ފަރާތްތަކުން ބައިވެރިވެ ޓެކްނޮލޮޖީއާ ގުޅުންހުރި މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު މި ފެއަރގައި ބައިވެރިވެ ވަޑައިގެން މިހާރު ހިންގާ ކޮރަލް އިންސްޓްޓިއުޓްގެ މުރަކަޔާބެހޭ ހޯދުންތަކާއި ދިރާސާތައް ހުށަހަޅާއިދޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ހިމެނެއެވެ.

ފެއަރއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިފެއަރ އިންތިޒާމުކުރާ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮފެސަރ އުގައިލް ވިދާޅުވީ މިފަދަކަމެއް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ މި ފެއަރގެ ސަބަބުން ރާއްޖޭއަށް ޓެކްނޮލޮޖީ ދާއިރާއިން ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށެވެ. ބައިނަލް އަގުވާމީގޮތުން ބާއްވާ އެންމެ ބޮޑު މަހާސިންތާ ސްކީމާ 2019، މިފަހަރު ރާއްޖޭގައި ބާއްވާއިރު މީގެކުރިން މި މަހާސިންތާ ވަނީ ނޭޕާލް، ބޫޓާން، ޗައިނާ، ކެމްބޯޑިއާ މޮރޮކޯ އަދި އިޓަލީގައި ބާއްވާފައެވެ.