ޚަބަރު

ވިއްސާރައިގެ ސަބަބުން ގެއްލުންވި އައްޑޫ ގެތައް މަރާމާތުކޮށްފި - ޑެޕިއުޓީ މޭޔަރ


މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑޫސިޓީގެ ގެތަކަށް ލިބުނުގެއްލުންތަކަށް މިހާރު ހައްލު ހޯދައިދީފައިވާކަމަށް އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ ޔަސްރިފް މުޙަންމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑެޕިއުޓީ މޭޔަރ ވިދާޅުވީ ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ގެއްލުންވި ޢާއިލާތަކަށް ކައުންސިލުން އެހީތެރިވެދީފައިވާކަމަށެވެ. އަދި މިކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް އެހީތެރިވެދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އައްޑޫސިޓީގެ ރަށްތައް ޢާންމު ޙާލަތަކަށް ބަދަލުވެފައިވާކަމަށާ، ގެއްލުމުގެ ސަބަބުން ގެބަދަލުކޮށްފައިވަނީ މީދޫއާއި ހިތަދޫގެ ދެ ޢާއިލާއެއްކަމަށާ، މިހާރު އެޢާއިލާތަކަށްވެސް ހައްލުހޯދައިދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީގެ ގެތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި މިނޫންވެސް ރާއްޖޭގެ އެކިހިސާބުތަކަށް ގެއްލުންވެފައިވެއެވެ. އެކަމާ ގުޅިގެން އެންޑީއެމްއޭއިން ވަނީ މޫސުމަށް ސަމާލުވެ ދުރާލައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.