ސިއްހަތު

ނަރުހުންވާ ގުރުބާނީއަކީ ގައުމީ ޚިދުމަތެއް - ފާތުމަތު އިބްރާހިމް


ނަރުހުންވާ ގުރުބާނީއަކީ ގައުމީ ޚިދުމަތެއް ކަމަށާއި، އެއީ އުޖޫރައަކުން
ނުވަތަ އިނާޔަތަކުން އަގު ވަޒަން ކުރެވޭނެ ޚިދުމަތެއް ނޫން ކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.



އެކަމަނާ މިހެން ވިދާޅުވީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ތާޖުއްދީން
ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު
ދައްކަވަމުންނެވެ.



ނަރުހުންގެ ޚިދުމަތަކީ މާތް ހިދުމަތެއް ކަމަށް ފާތިމަތު އިބްރާހިމް
ވިދާޅުވިއެވެ.  ނަރުހުންނަކީވެސް ތަފާތު
ގޮންޖެހުންތަކާ ކުރިމަތިވާނެ ބައެއް ކަމަށާއި، ނަމަވެސް ނަރުހުން ވާންޖެހީ
ކެތްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން
ބަލިމީހާ އެނދުގައި އޮންނަ އިރު ނަރުހުންނަކީ ބަލިމީހާއަށް އިތުރު "ބައްޔަކަށް" ވެގެން ނުވާނެ
ކަމަށް ފާތިމަތު އިބްރާހިމް ވިދާޅުވިއެވެ. ނަރުހުންނަކީ މާޔޫސްވި ނަމަވެސް،
މޫނުމަތިން އަބަދުވެސް ހިނިތުންވުން ދައްކަންޖެހޭ ބައެއް ކަމަށާއި، މި
މަސައްކަތަކީ ކެތްތެރިކަން އިސްކޮށްގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވެސް
އެކަމަނާ ފާހަގަ ކުރެއްވިއެވެ.



ހެލްތް މިނިސްޓްރީން މިހާރުދަނީ ނަރުހުންގެ އާ އޮނިގަނޑު އެކުލަވާލުމުގެ
މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އާ އޮނިގަނޑާއެކު
ނަރުހުންގެ މުސާރަތައް ބޮޑުވެގެންދާނެކަމަށެވެ. ނަރުހުންގެ އާ އޮނިގަނޑަށް
އެޕްރޫވަލް ހޯދުމަށް ރައީސް އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ
މިނިސްޓްރީން މަޢުލޫމާތުދެއެވެ.



ނަރުހުންގެ ދުވަހުގެ ހަފުލާގައި ނަރުހުންގެ ހިދުމަތުގައި 40 އަހަރަށްވުރެ
ގިނަ ދުވަހު ހިދުމަތްކޮށްފައިވާތީ އައިޖީއެމްއެޗްގެ ޕްރެކްޓިކަލް ނާރސް އައިމިނާ މަނިކެއަށް
ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެއްވާފައެވެ. ނަރުހުންގެ ޚިދުމަތުގައި
ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ނަރުހުންގެ އަގުވަޒަން ކުރުމުގެ
ގޮތުންނާއި، ހާޒިރީ ރަނގަޅު ނަރުހުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.
އަދި ނަރުހުންނަށް ކޮށްދެއްވަމުންދާ އެހީތައް ފާހަގަކޮށް އެކި ފަރާތްތަކަށްވެސް
ހަނދާނީ ފިލާ ދެއްވާފައިވެއެވެ.



ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ދޭން ފެށިތާ މިހާރު ވަނީ 60 އަހަރުވެފައެވެ.
ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ
އަހަރެއްގެ މެއި 10
ވަނަ ދުވަހުއެވެ.