ކުޅިވަރު

ލަންކާ އަތުން ރާއްޖެއަށް ސެޓެއް ހޯދުމަކީވެސް ލިބުނު ބޮޑު ކާމިޔާބެއް: ކޯޗު ސާޖިދު


ސްރީލަންކާ އަތުން ދިވެހިރާއްޖެއަށް ސެޓެއް ހޯދުމަކީވެސް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޤައުމީ ޓީމު ވާދަކުރި އެކުވެރިކަމުގެ މެޗުން ދިވެހި ޓީމް ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗަށްފަހު ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ ސްރީލަންކާއަކީ ހުރިހާ ގޮތަކުންވެސް ދިވެހި ޓީމަށްވުރެ ވަރުގަދަ ޓީމެއްކަމަށާއި، ސެންޓްރަލް ޒޯންގައި ވާދަކުރާ ޓީމްތަކަށްވުރެވެސް ލަންކާގެ ވަރުގަދަކަމަށް. އެހެންކަމުން މިވަރުގެ ޓީމަކާއި ދެކޮޅަށް ކުޅެ ސެޓެއް ހޯދުމަކީވެސް ބޮޑު ކާމިޔާބީއެއްކަމަށާއި، ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށް ކޯޗު ބުންޏެވެ.

ކޯޗު ސާޖިދު ބުނީ ދިވެހި ޤައުމީ ޓީމަށް މިހާރު މަދުވަނީ މިވަރުގެ ވާދަވެރި މެޗުތަކުގެ ތަޖުރިބާކަމަށާއި، ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް މި މެޗުތަކުން ގިނަ ކަންތައްތަކެއް ދަސްވާނެކަމަށެވެ. އޭނާ ބުނީ ޓީމްގެ ފުރަތަމަ ހަޔެއްގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ މި ލެވެލްގެ ތަޖުރިބާ މަދު ކުޅުންތެރިންނަށްވުމުން މެޗުގެ މުހިންމު ދަނޑިވަޅުތަކުގެ އިތުރުން ސެޓު ނިންމާލަން ލިބޭ ވަގުތުތަކުގައި ގޯސް ހެދެނީކަމަށެވެ.