ޚަބަރު

ވިއްސާރައާ ގުޅިގެން، ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވޭ - އެޗްޕީއޭ


ވިއްސާރައާ ގުޅިގެން ބޭރަށް ހިންގުމާއި އެނޫންވެސް ތަފާތު ސިއްޙީ މައްސަލަތައް ދިމާވަމުންދާތީ އެފަދަ ކަންކަމާމެދު ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު ޕްރޮޓަކްޝަން އެޖެންސީގެ "އެޕިޑިމިއަލޮޖިސްޓް" ޑރ.އިބްރާހީމް އަފްޒަލް ވަނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ސިއްޙީ މައްސަލަތައް ދިމާވަމުންދާތީ އެފަދަކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ބޭރަށް ހިނގުމާއި ފެނުގެ ޒަރިއްޔާއިން ޖެހޭ އެކިއެކި ބަލިތައް ޢާއްމުވަމުންދާކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި މިދުވަސްވަރު ކުރަމުންދާ ވިއްސާރާގައި މަގުތަކުގައި ފެންހެދިފައި ހުންނަ އިރު ކުޑަކުދިން ބޭރަށްގޮސް ފެންގަނޑުތަކަށް އެރިއުޅުމަކީ ބަލިތައް ޖެހުމަށް ދެވޭ ފުރުސަތެއްކަން ފާހަގަކުރައްވަމުން ޑރ.އަފްޒަލްވަނީ ކާބޯތަކެއްޗާއި ކުޑަކުދިން ކުޅެން ގެންގުޅެ ތަކެތި މަގުމައްޗަށްވެއްޓި ފެނުގައި ޖެހިއްޖެނަމަ ދޮވެގެން އަލުން ބޭނުންކުރުމުގެ ބަދަލުގައި އުކާލުމަށް އިރުޝާދުދެއްވާފައެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ.އަފްޒަލްވަނީ މިފަދަ ވިއްސާރަ ދުވަސްވަރު ބޭސްފަދަތަކެތި ގޭގައި ގެންގުޅޭއިރު އިތުރަށް ސަމާލުވުމަށް އިރުޝާދުދެއްވާފައެވެ. އެގޮތުން ފެނުގެ އަސަރު ނުކުރާނެހެން ބޭސް ބެހެއްޓުމަށާއި ފެނުގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައިވާނަމަ އެފަދަ ބޭސް ބޭނުންނުކުރުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ވިއްސާރަ މޫސުމުގައި ފެން ނެގުމުގައިވެސް ސަމާލުވުމަށް އެޗްޕީއޭގެ ފަރާތުންވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ފުރާޅު ރަނގަޅަށް ސާފުކުރުމަށްފަހު ފެންނެގުމަށާއި ވިއްސާރަ ދުވަސްވަރު ވަޅުފެން ކްލޮރިނޭޓްކޮށްގެން ބޭނުންކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ބާރުއަޅަމުން ގެންދަވާއިރު މިފަދަ ދުވަސްވަރަކާއި ދިމާކޮށް ދިމާވެދާނެ ސިއްޙީ މައްސަލަތަކާއި ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ފަރުދީ ގޮތުންނާއި ރަށުފެންވަރުގައި ކުރެވޭނެކަންކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.