ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ބާވަތަކީ "ޓޫނާ"އެވެ. ޓޫނާގެ ރަހައަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލް އެއްޗެކެވެ. މިއާއެކު ޓޫނާ ނުވަތަ ދިވެހިންގެ މެދުގައި އާއްމުކޮށް ކިޔާ ގޮތުން ނަމަ ކަނޑުމަހުން ތައްޔާރުކުރާ ދަޅު މަހަކީ ޑިމާންޑު ބޮޑު އެއްޗެކެވެ.
ދިވެހިން ދޮށީގެ މަސްވެރިކަން ކުރިނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަސް ބާނަނީ ދާޖަހައިގެންނާއި އެނޫންވެސް ގޮތްގޮތުންނެވެ. މިއީ ތިމާވެއްޓަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. މިސަބަބަށްޓަކައި ބައެއް ފަރާތްތަކުން ދަނީ އެފަދަ މަސްވެރިކަމުން އުފައްދާ މަސްދަޅު ގަތުމަށް ދެކޮޅު ހަދަމުންނެވެ. އަދި މީގެ އިތުރަށް ވެޖިޓޭރިއަނުން ނުވަތަ ކެއުމުގައި އެއްގަމު މަހާއި ކަނޑުމަސް ބޭނުންނުކުރާ މީހުންވެސް މަސްދަޅާއި ކަނޑުމަހުން ތައްޔާރުކުރާ ކެއުމުގެ ބާވަތްތައް ބޭނުންކުރުމާ ދެކޮޅެވެ.
މިފަދަ ފަރާތްތަކަށް އަމާޒްކޮށްގެން "ގުޑް ކެޗް" ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ "ފިޝް ފްރީ ޓޫނާ"ގެ ނަމުގައި ތަރުކާރީގެ ބާވަތްތަށް ބޭނުންކޮށްގެން މަހުގެ ރަހަ އެކުލެވޭ އުފެއްދުމެއް ބާޒާރަށް ނެރެފައެވެ.
ފިޝް ފްރީ ޓޫނާގައި ސޯއީ، ޕީސް އަދި ލެންޓަލްސްފަދަ ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްފައިހުރެއެވެ.
ރަހައިގެ އިތުރަށް ފިޝް ފްރީ ޓޫނާ ބަލާ ބެލުމަށްވެސް އަސްލު ޓޫނާއާއި ވަރަށް ވަތްތަރެވެ.
މީގެ އިތުރަށް "އޯޝަން ހަގާސް"އިންވަނީ "އަހީމީ ޓޫނާ" ނަމަކަށްކިޔާ، ތަރުކާރީ ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރޯމަހުގެ ބާވަތެއް ބާޒާރަށް ނެރެފައެވެެ. 2017ވަނަ އަހަރު ބާޒާރަށް ނެރުނު މި އުފެއްދުމަށް ރަގަޅު ޑިމާންޑެއްވެސް މިހާރު ވަނީ އުފެދިފައެވެ.
އެގޮތުން ސަތޭކައަށްވުރެ ގިނަ ރެސްޓޯރެންޓުތަކުގައި މި އުފެއްދުން މިހާރު ދަނީ ބޭނުންކުރަމުންނެވެ.
އަހީމީ ޓޫނާ ވިއްކަމުންނަކީ ގަނޑުކުރި، މަހުގެ އުފެއްދުމެއްގެ ގޮތުގައާއި، ފޮތި ފޮތި ކޮށްފައި ހުންނަ މަހުގެ ގޮތުގައާއި މެރިނޭޓްކޮށް ވަގުތުން ކައްކާލެވޭ ގޮތަށް ހުންނަ މަހުގެ ގޮތުގައެވެ.
އަހީމީ ޓޫނާއިން ހާމަކުރާގޮތުގައި އެމީހުންގެ އުފެއްދުން އެންމެ މަޤްބޫލީ ޒުވާނުންގެ މެދުގައެވެ. އެގޮތުން ކޮލެޖް ކެމްޕަސްތަކުގައި ހިންގާ ކެފެޓީރިއާ ތަކުގައި އަހީމީ ޓޫނާގެ ޑިމާންޑު ބޮޑުކަން އެކުންފުނިން ފާހަގަކުރެއެވެ.
ކަނޑުން ބާނާ ތާޒާ މަހުގެ ބަދަލުގައި ބޭނުންކުރާ މިފަދަ އުފެއްދުންތަކާއެކު މަހުގެ ޑިމާންޑަށް އަސަރުކުރާތަން ކައިރި މުސްތަޤްބަލެއްގައި ފެންނާނެ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ %90 މަސްވެރިކަމަކީ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުރާ މަސްވެރިކަމެވެ. އަދި ޓޫނާ ފަދަ މަސްތައް ޤައުމުތަކުން ބާނަމުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫނެވެ.
ބައެއް ސައިންސްވެރިން ލަފާކުރާ ގޮތުގައި 2048ވަނަ އަހަރު ދުނިޔޭގެ ކަނޑުތަކުން މަސް ލިބުން ދަތިވެ، މަސްވެރިކަން ހުއްޓުމަކަށް އައުން އެކަށީގެންވެއެވެ. އެހެންކަމުން އަސްލު ކަނޑުމަހުގެ ބަދަލުގައި ބޭނުންކުރާ "ފިޝް ފްރީ ޓޫނާ"ފަދަ ބާވަތްތަކަކީ ކުރިމަގުގައި އޭގެ ބޭނުން ދުނިޔެއަށް ޖެހިފައިވާ އެއްޗެއް ކަމަަކަށް ގިނަ ބަޔަކުދެކެއެވެ.
ނަމަވެސް ކަނޑުން ބާނާ ތާޒާ ކަނޑުމަހުގެ ބަދަލުގައި ބޭނުންކުރާ މިފަދަ މަހުގެ އުފެއްދުންތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކުގެ މަހުގެ އުފެއްދުންތަކަށް ވާނީ ކިހިނެއްބާއެވެ؟