ޚަބަރު

އައްސޭރި ޖަލުން ފިލި ޤައިދީއަކު ހޯދައި އަނބުރައި ޖަލަށް ގެންގޮސްފި


ހިންމަފުށީ އައްސޭރި ޖަލުން ފިލި ޤައިދީއަކު ހޯދައި އަނބުރައި ޖަލަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ އައްސޭރި ޖަލުން ޤައިދީއަކު ފިލިކަމުގެ މައުލޫމާތު ހިންމަފުށީގައި ހުންނަ ފޮލިސް ސްޓޭޝަންނަށް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތްކުރީ ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ގުޅިގެންކަމަށެވެ.

ޤައިދީ ފިލާފައިވަނީ 22:13 އެހާއިރުކަމަށާއި، މާގިނަ އިރުތަކެއް ނުވަނީސް އެނާ ހިންމަފުށިން ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާލެ އަތޮޅު ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީން ރިހިބިލިޓޭޓް ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރުވާ ޖަލެކެވެ. މިހާރުވެސް އެ ޖަލުގައި ގިނައަދަދެއްގެ ގައިދީން ތިބިއިރު، އެގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގެ ގޮތުން ތަފާތުގިނަ މަސައްކަތްތަކެއް ކަރެކްޝަނަލް ސަވިސްއިން ހިންގައެވެ. އެގޮތުން ދަނޑުވެރި ކަމުގެ މަސައްކަތާއި، އަތްތެރި މަސައްކަތްތަކާއި، ކުކުޅާއި ބަކަރި ގެންގުޅުމުގެ އިތުރުން ހިންމަފުށީގައި ހުންނަ ބައެއް ކުންފުނި ތަކުގައިވެސް ޤައިދީން މަސައްކަތް ކުރެއެވެ.