ވިޔަފާރި

މަސީގެ ބިލްޑެކްސް މޯލްޑިވްސް މިމަހު


އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ބާއްވާ ބިލްޑެކްސް މޯލްޑިވްސް މިމަހު ބާއްވަން ނިންމައިފިއެވެ.

މަސީން ބުނީ މިފަހަރުގެ ބިލްޑެކްސް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 24 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. ބިލްޑެކްސް މޯލްޑިވްސްގެ ތެރެއިން އެގްޒިބިޝަނަކާއި އިމާރާތްކުރުމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށްދާނެއެވެ.

ބިލްޑެކްސް އެކްސްޕޯއަކީ އިމާރާތް ކުރުމަށް ބޭނުންވާ ސަމާނުތަކާއި ޚިދުމަތްތައް އެއް ތަނަކުން ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަސީން ބާއްވާ އެގްޒިބިޝަނެކެވެ.

މި އަހަރުގެ ބިލްޑެކްސް އެގްޒިބިޝަނުގައި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި، ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެނޫންވެސް އެފަދަ ޚިދުމަތްދޭ ކުންފުނިތަކަށް ބައިވެރިވެވޭނެކަމަށް މަސީން ބުނެއެވެ.

މިއީ ކޮންސްޓްރަކްޝަން ސިނާޢަތަށް ޙާއްސަ ކޮށްގެން މަސީން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ. ނަމަވެސް މިއަހަރުގެ އެގްޒިބިޝަން މި ބާއްވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ.