ރިޕޯޓް

އިމާރާތްކުރުމުގެ ދާއިރާއަށް ކޮންސްޓްރަކްޝަން ބިލް ވަރަށް މުހިންމު


އިމާރާތްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މުހިންމުކަމަކީ މަޖިލީހަށް ހުށަހަޅާފައިވާ "ކޮންސްޓްރަކްޝަން ބިލް" ގާނޫނަކަށް ވެގެން ދިއުންކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.މި ބިލްގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއްލިބި ކޮންސްޓްރަކްޝަންކުންފުނިތަށް ރެގިއުލޭޓުކުރުމަށް ފަސޭހަވެގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، އެމިނިސްޓްރީން ކުރިޔަށްގެންދިޔަ " ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލެންޖް2015 "ގެ ނަތީޖާ ފާޅުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ، މަޖިލިސް ހުޅުވުމާއެކު ބިލްގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.އުކާލާ ތަކެތި ބޭނުންކޮށްގެން ވޯލް އާޓް ފަދަ ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރެވިދާނެ ތަކެތީގެ، ތަފާތު މޮޑެލްތައް ތައްޔާރުކުރުކޮށް ހޭލުންތެރި ކުރުވުމަށް، ކިޔަވާ ކުދިންގެ މެދުގައި ބޭއްވި،"ކޮންސްޓްރަކްޝަން އެވެއަރނެސް ޗެލެންޖް 2015" ގެ ވަނަވަނަ އަށް ދިޔަ  ފަރާތްތަކަށް އިނާމާއި އެވޯޑް ދިނުމުގެ ގޮތުން ދަރުބާރުގޭގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންޑް މިނިސްޓަރ ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، ސަރުކާރުން ފަށާ ޕްރޮޖެކްޓްތަށް ތަފާތު ސަބަބު ތަކާހެދި ނުފެށި ލަސްވުމާއި ހުއްޓުމަކަށް އައުމުގެ ސަބަބުން، އެކަމުގެ ގެއްލުން ރައްޔިތުނަށް ފޯރަމުންދާކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމައް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އޭގެ ތެރެއިންވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ގާނޫނަކަށްވުމުން، ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަފާތު ހުނަރުތަކުގެ ގްރޫޕްތަކާއި ކުންފުނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން އިމާރާތްކުރުމުގެ ދާއިރާއިން ކުންފުނިތަކަށް ކުރުމަތިވާ އުނދަގޫތަކަށް މިހާރު ހައްލު ހޯދާއިދީފައިވާނެކަމަށެވެ.މިރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އެވޯޑް ހަވާލުކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ސަރުކާރުން ކުރިޔަށްގެންދާ އިގްތިސޯދީ ޕްރޮޖެކްޓްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ދިވެހި ކުންފުނިތަކަށް ޖާގަދެއްވާން ބޭނުންފުޅުވާކަމަށެވެ. އަދި މިހާރު ރާއްޖޭގައި އެންމެ ކުރިއަރަމުންދަނީ އިމާރާތްކުރުމުގެ ދާއިރާކަމަށްވެފައިމިދާއިރާއިން ދަރިވަރުން ނަށް ހުރި ފުރުސަރުތަށް ބެލެނިވެރިންނާއި މުދައްރިސުން އެކުދިންނަށް ކިޔައިދީ މިދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް އެކުދިންނަށް ހިއްވަރުދިނުން މުހިންމުކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.މިނިސްޓަރ ސައިދު ވިދާޅުވީ މިފަދަ ތަކެއްޗައް ފަތުރުވެރިންގެ މަގުބޫލު ކަން ލިބިފައިވާއިރު، މިއަހަރު ރާއްޖޭގައި ބާއްވާ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުން ދަރިވަރުންގެ މި މޮޑެލްތަކާއި، ކުރެހުންތަށް ފެންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނަހު ވިދާޅުވީ، 2013 ވަނަ އަހަރު ނިމިގެންދިޔައިރު، އިމާރާތްތަކުރުމުގެ ދާއިރާއަށް 35 އިންސައްތައިގެ ގެއްލުން ކުރިމަތިވެފައި އޮތުމަށްފަހު މިހިންގާ ދެހާސް ފަނަރަވަނަ އަހަރު 15 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، އެއީ ސަރުކާރުން އިމާރާތްކުރުމުގެ ދާއިރާއަށް ދެއްވި ލުއިތަކެއްގެ ސަބަބުންކަމަށެވެ.ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޗެލެންޖުގައި، ގްރޫޕްތަކާއި ވަކި ވަކި ކުދިންވަނީ، ވޯލް އާޓް އާއި  މޮޑެލްތަށް ތައްޔާރުކޮށްފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިން ތައްޔާރު ކުރި ތަކެތީގެ މައުރަޒުމިނިސްޓަރ ސައީދާއި މިނިސްޓަރ މުއިޒްވަނީ ހުޅުވައިދެއްވައި، އެ ތަކެތި ބައްލަވާލައްވާފައެވެ.