ޚަބަރު

ވިއްސާރައާއި ގުޅިގެން ޞިއްޙީ ގޮތުން ދިމާވެދާނެ ކަމަށް ރައްކާތެރިވުން މުހިންމު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޞިއްޙީގޮތުން ދިމާވެދާނެ ކަަމަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވެ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ދުވަސްވަރެއްކަމުން ތަފާތު ބަލިތައް ފެތުރުން އެކަށީގެންވެއެވެ.

އެގޮތުން ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ޖަންގްޝަނާއި ކާނުތައް ފުރި ނަޖިސް ފެތުރުންފަދަ ހާދިސާތައް ހިނގާފާނެތީ އެކަމަށް ސަމާލުވުން މުހިންމެވެ. އަދި ފެނުގެ ޒަރިއްޔާއިން ފެތުރިދާނެ ބަލިތަކަށާއި އަރިދަފުސް ރޯގާއާއި ވައިރަލް ހުމާއި މިނޫންވެސް ބަލިތަކަށް ސަމާލުވުންވެސް މުހިންމެވެ. އަދި ވިއްސާރަވުމުގެސަބަބުން ފެން ހަރުލާގޮތަށް ހުންނަ ތަކެތީގައި މަދިރި އާލާވެ ޑެންގޫފަދަ ބަލިތައް ފެތުރިދާނެތީ އެކަމަށް ސަމާލުވެ ފެން ހަރުލާގޮތަށް ހުންނަ ތަންތަން ނައްތާލުންވެސް މުހިންމެވެ.

ރާއްޖެއަށް މުސުން ގޯސްވެ ކުރަމުންދާ ވިއްސާރައާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ އިރުޝާދުތަކެއްވެސް ދީފައެވެ. އެގޮތުން ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ގެއަށް ފެން ވަދެދާނެތީ ސަލާމަތީ ފިޔަވަޅު އެޅުމާއި ފެންނުޖެހޭނެހެން މުދާފަދަ ތަކެތި އުސްތަންތަނަށް އެރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަރަންޓު ބޭނުންނުކުރާނަމަ އެފަދަ ތަކެތި ނިއްވާލާފަ ބެހެއްޓުމާއި، ވައިގަދަވުމުގެ ސަބަބަބުން އެއްލާލަފާނެ ތަކެތި ބަނދެފައި ބެހެއްޓުމާއި ވައިގަދަވުމުގެ ސަބަބުން ފުރާޅުއެއްލާލަފާނެތީވެ އެކަމަށް ސަމާލުކާންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.