ކުޅިވަރު

ސްރީ ލަންކާއާއި ދެކޮޅަށް ކުޅޭ ހާއްސަ ވޮލީ މެޗް ފޯރިގަދަ ކުރަނީ


ސްރީ ލަންކާ އާއި ދިވެހިރާއްޖެ ޤައުމީ ވޮލީ ޓީމް ވާދަކުރާ އެކުވެރިކަމުގެ ވޮލީ މެޗްގެ ފޯރި ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް ޔޫތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ވޮލީ ޓީމާއި ސްރީލަންކާގެ ޤައުމީ ވޮލީ ޓީމްއާއި މެދު އެކުވެރިކަމުގެ ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗް ޕްރޮމޯޓްކުރަނީ ޚާއްސަ މެޗެއްގެ ގޮތުގައެވެ. މިއީ ދެ ޤައުމްގެ ދެމެދުގައި އުފެދިފައިވާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކޮށް، ކުޅިވަރުގެ ދާއިރާއިންވެސް ގުޅުން ބަދަހިކުރުމަށް ކުޅެވޭ މެޗުތަކެއްކަމަށް ޔޫތް މިނިސްޓްރީން މަޢުލުމާތުދެއްވިއެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗް ފޯރި ގަދަ ކުރުމުގެ ގޮތުން ވ.އަތޮޅުން މީހުން މާލެ ގެނައުމަށްވެސްވަނީ ހަމަޖެހިފައެވެ. ވ.އަތޮޅުން 200އަށް ވުރެއް ގިނަ މީހުން މާލެ ގެނައުމަށް ހަމަޖެހިފައިވާއިރު، މާލެ ކައިރީގެ ރިސޯޓްތަކުންވެސް މި މެޗަށް ސަޕޯޓަރުން ގެނައުމަށްވަނީ ހަމަޖެހިފައެވެ. ކަޑޫމާ، ބަނޑޮސް، ޕެރަޑައިސް، ކުޑަ ހުރާ އަދި ވަން އެންޑް އޮންލީ ރީތިރަށުންވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މާދާމާ ރޭގެ މެޗަށް މާލެ އަންނާނެއެވެ.

މިމެޗަށް ޔޫތް މިނިސްޓްރީންވަނީ ޔޫތް ސެޓަރުވެސް ވަރަށް ބޮޑަށް ޤައުމީ ކުލަތަކުން ޒީނަތްތެރިކޮށް އަދި މި މެޗަށް ޚާއްސަ ޓީޝާޓެއްވެސް ތައްޔާރުކޮށްފައެވެ.