ކުޅިވަރު

އައިއޯއައިޖީއަށް ދުރާލާ ތައްޔާރުވާން ޖެހޭ - ކޯޗް ސެގާޓް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ފުޓްބޯޅަ ޓީމް ހޯދި ނަތީޖާއާއި މެދު ކުޅުންތެރިންނާއި ކޯޗިން ސްޓާފުންވެސް ވަރަށް ހިތްހަމަނުޖެހޭކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

6 މަސް ދުވަހުގެ ބްރޭކްއަށްފަހު ގައުމީ ޓީމް އެންމެ ފުރަތަމަ ކުރިމަތިލީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް. މުބާރާތަށް ދިވެހި ޓީމް ފަރިތަކޮށްފައިވަނީ އެންމެ ހަތަރު ދުވަހުއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ތިން މެޗް ކުޅެފައިވާއިރު، އެއްވެސް މެޗްއަކުން މޮޅެއް ނުލިބި ޓީމް ދިޔައީ ގުރޫޕްގެ އެންމެ ފުލަށެވެ. ގޭމްސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި ހަތަރެއް ސުމަކުން ރީޔޫނިއަން އަތުން ބަލިވެ، ދެވަނަ މެޗްގައި ތިނެއް ސުމަކުން ކޮމޮރޯސް ބަލިވި ވީއިރު، އެންމެ ފަހު މެޗްގައި ރާއްޖެ ބަލިވީ މަޔޯތް އަތުން ތިނެއް އެކަކުންނެވެ.

ގޭމްސްއަށްފަހު ގައުމީ ކޯޗް ޕީޓާރ ސެގާޓް ބުނީ މިއީ އެއްވެސް ވަރަކަށް އުއްމީދު ކުރި ނަތީޖާއެއް ނޫންކަމަށެވެ. އަދި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންވެސް މިކަމާއިމެދު ތިބީ މާޔޫސްވެފައިކަމަށް ސެގާޓް ބުނި. ކޯޗް ބުނީ ރާއްޖޭ ފިޔަވާ އެހެން ހުރިހާ ގައުމްއަކުން މިމުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވިކަމަށާއި މިއީ ރާއްޖޭއިން ޓީމުން ފިލާވަޅު ލިބިގަންނަން ޖެހޭކަމެއްކަމަށެވެ. ސެގާޓްބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޒުވާން ކުޅުންތެރިން ވަރަށް ރަގަނޅު ކުޅުމެއް ދެއްކިކަމަށާއި ނަމަވެސް 6 މަސް ދުވަހުގެ ބްރޭކްއަށްފަހު، ބޮޑު މުބާރާތަކާއި ކުރިމަތިލާއިރު އަދަގޫތަކެއް ހުންނާނެކަމަށެވެ.

"މިއީ އެއްވެސް ވަރަކަށް އުއްމީދު ކުރި ނަތީޖާއެއް ނޫން. މިގޮތަށް ނަތީޖާ ނިކުންނާނެކަމަށްވެސް އުއްމީދެއް ނުކުރަން. ކުޅުންތެރިންގެ ފިޓްނަސް ލެވެލް އަސްލުގައިވަރަށް ދަށް. ހަ މަސް ދުވަހުގެ ބްރޭކްއަށްފަހު ނިކުތްއިރު ކުޅުންތެރިން ތިބީ ވަރަށް ހާލަތު ގޯސްކޮށް. ގިނަ ކުޅުންތެރިން ތިބީ އަނިޔާގަ އަނެއްބައި ކުޅުންތެރިން ތިބީ ފިޓްކޮށެއް ނޫން. ކުޅުންތެރިންގެ ހާލަތު ނޭންގެނީސް ޖެހުނީ ޓީމް ލިސްޓް ފޮނުވަން. މިއީވެސް ދިމާވި ވަރަށް ބޮޑު އުދަގުލެއް. އެންމެ ބޮޑު މައްސަލައަކީ މިގޭމްސްއަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުން. އަދި އެހެން ގައުމްތަކުން ވަރަށް ރަގަނޅަށް މިމުބާރާތަށް ވަނީ ތައްޔާރުވެފަ. ދިވެހި ރާއްޖެއިންވެސް އެބަޖެހޭ މިފަދަ ކަންކަމަށް ސަމާލްވާން." ސެގާޓް ބުންޏެވެ.