ސިޔާސީ

ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާނެގުމަކީ ވަކި ކުށެއްކަމަށް ކަނޑައަޅަނީ

ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާނެގުމަކީ ވަކި ކުށެއްކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފިއެވެ.

ޖެންޑަރ ކޮމިޓިން މިގޮތަށް ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. ކޮމިޓީގެ ރިޔާސަތުން ހުށައެޅި ކަމެއްގެ ގޮތުގައި ބަލައިގަނެ ކޮމިޓީން ނިންމެވި ނިންމެވުމުގައި ވަނީ ކުޑަކުދިންނަކީ ރައްކާތެރިކަމާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ ބަޔަކަށްވެފައި، އެކުދިންގެ ފުށުން ނާޖާއިޒް މަންފާ ނެގުން ނުވަތަ "އެކްސްޕްލޮއިޓް" ކުރުންކަމަށް ބެލެވިދާނެފަދަ މާއްދާތަކެއް މިހާރު ހުރި ބައެއް ޤާނޫނޫތަކުގައި ހުރިނަމަވެސް، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނެގުމަކީ ވަކި ކުށެއްކަމަށް އެއްވެސް ޤާނޫނެއްގައި ކަނޑައަޅައިފައިނުވާކަމަށެވެ.

އެހެންކަމުން އެކަމަކީ ވަކި ޢުޤޫބާތެއް ކަނޑައެޅިފައިނުވާ ކަމަކަށްވެފައި، ކުޑަކުދިންގެ ފުށުން ނާޖާއިޒު މަންފާ ނަގާ ފަރާތްތަކަށް އެއްވެސް އަދަބެއްދެވިފައިނުވާކަމާއި، އެކަމަށް ޙައްލެއް ހޯދުމުގައި ދިމާވާ ދަތިތަކާގުޅޭގޮތުން ކޮމިޓީގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމިޓީގެ މެންބަރުން ވަނީ މި މައްސަލައަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެ، އަވަސް ޙައްލެއް ހޯދަން ބޭނުންވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް މި މައްސަލައަކީ، ޙައްލު ހޯދުމުގައި ދަތިތަކެއް ހުރި މައްސަލައެއްކަމުން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލާއި، ތަޢުލީމުގެ ބިލު ޑްރާފްޓްކުރެއްވުމުގައި އެކަންކަމަށް ރިޢާޔަތްކޮށްދެއްވައި، އެ ބިލުތައް ހުށަހެޅުއްވުން އަވަސްކޮށްދެއްވުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވުމަށް ވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައަކީ އަވަސް ޙައްލެއް ބޭނުންވާ މައްސަލައަކަށްވާތީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަޤްޞަދުގައި ކޮމިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމަށްވެސް ނިންމާފައިވެއެވެ. ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ނިންމާފައިވާ ޤަރާރުގައި މިއަހަރުގެ ސެޕްޓެންބަރު މަހު ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ހިމެނުއްވުމަށްވެސް ވަނީ ގޮވާލައްވާފައެވެ.