ޚަބަރު

އެއަރޓެކްސީއެއް ފައްތިޔަލާއެކު ކަހާލައި ދޯންޏެއްގައި ޖެހި ގެއްލުންވެއްޖެ


އއ.ކުރަމަތި ރިސޯޓްގައި ފައްތިޔަލުގައި އަޅާފައި އޮތް އެއަރޓެކްސީއެއް ކަހާލައިގެން ހިނގި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު އއ.ކުރަމަތި ރިސޯޓްގައި ފައްތިޔަލުގައި އަޅާފައިއޮތް އެއަރޓެކްސީއެއް ކޮޅިގަނޑެއްގައި ފައްތިޔަލާއެކު ކަހާލައިގެން ގޮސް އެ ސަރަހައްދުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ވަނީ ޖެހިފައެވެ. އަދި މި ޙާދިސާގައި އެއަރޓެކްސީއަށް ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ތަފާތު ގިނަ ހާދިސާތައް ހިނގަމުން އަންކަން ސަލާމަތީ ބާރުތަކުން ފާހަގަކުރެއެވެ. އެގޮތުން މިއަދު ހަވީރު ތާޖު އެގްޒޯޓިކާ ރިސޯޓް ކައިރިން ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއްވެސް ބަންޑުން ޖަހާލާފައިވެއެވެ. މި ޑިންގީގައި ތިބި މީހުން އެ ރިސޯޓްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ވަނީ ސަލާމަތްކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ސަލާމަތީ ބާރުތަކުންވަނީ އިލްތިމާސްކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައްވެސް ހިނގާފައިވެއެވެ. އެގޮތުން އުޅަނދުތައް ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން ދިއުންފަދަ ހާދިސާތައް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވެއެވެ.

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އުޅަނދުތަކުގައި ސަލާމަތީ ކަންކަން ފުރިހަމަތޯވެސް ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.