ޚަބަރު

ޢީދުގެ ފޯރި މާލޭގައިވެސް ކުރިއަށް


ފެން ކުޅީގެ ކުޅިވަރުތަކާއެކު މާލެއާއި އަތޮޅުތަކުގައި ޢީދު ކުޅިވަރުގެ ހަރަކާތްތައް ފަށައިފިއެވެ.

މިފަރު މާލޭ ސަރަޙައްދުގައި އެންމެ ކުލަގަދަކޮށް ޢީދު ފާހަގަކުރަނީ ހުޅުމާލޭގައެވެ. އެގޮތުން ޢީދު ނަމަދަށްފަހު ހުޅުމާލޭގައިވަނީ ފެންކުޅިއާއި ކުލަޖެހުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ހެދުނު އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ކޯޑި ތައްޔާރުކުރުމެވެ. މި ޙަރަކާތުގައި އާންމުންވެސް ބައިވެރިވެފައިވެއެވެ. ކޯޑި ނެގުމުގެ ހަރަކާތް ބާއްވާފައިވަނީ ހަވީރުއެވެ.

މީގެ އިތުރުން ދެން ކުރިއަށްގެންގޮސްފައިވަނީ ފެންޖެހުމާއި ކުލަޖެހުމެވެ. މިކަމުގައި ގިނަ ބަޔަކުވަނީ ބައިވެރިވެފައި. މިފަދަ ހަރަކާތްތައްކަކީ އާއިލާއާއި، ތަޙްމަތްތެރިނާއި، އަދި މުޖުތަމަޢުގެ ގުޅުން ބަދަހިވެގެންދާ ހަރަކާތެކެވެ. ކުލަޖެހުމުގެ ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުން ހިމެނޭހެން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

މާލޭގައި ޢީދުގެ ހަރަކާތްތައް 3 ދުވަހަށް ކުރިއަށްގެންދަން ނިންމާފައިވާއިރު މިއަދު ހަވީރު ހުޅުމާލޭގައި މާލި ޕެރޭޑުވެސް ބާއްވާފައިވެއެވެ. މި ހަރަކާތުގައި މާއްޔާއި، ކޯޑިއާއި ބޮޑުބެރާއި ސަޤާފީ އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ހުޅުމާލޭގައި މާދަމާވެސް ކުޅިވަރުތައް ކުރިއަށްދާނެއެވެ. އެގޮތުން ހެންދުނު 10 އިން ފެށިގެން ހަވީރު 4 އަށް މޫދު ކުޅިވަރުތަކާއި، ފައިގަތަޅާއާއި، ގޯނިރޭހާއި، އެމްއެންޑީއެފްގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެއެވެ.

ތިން ދުވަހަށް ބަހާލައިގެން "އަލް ހިޖްރަ އައިނީ ޢީދު ސްމައިލްސް"ގެ ނަމުގައި ބާއްވާ ހަރަކާތެއްވެސް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ. މިފަހަރުގެ ޢީދު ޝޯވް އޮންނާނީ އަންގާރަދުވަހުގެ ރޭ ހުޅުމާލެ ސެންޓްރޯ މޯލްގައެވެ. މީގެއިތުރުން ވިލިމާލޭގައިވެސް ޢީދު ހަރަކާތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ބީޗް ކުޅިވަރުތަކާއި، މެޖިކް ޝޯވްއާއި، މިއުޒިކް ޝޯވ އަދި މާދަމާ ބޮޑުމަސް ނެރުމާއި މާލި ޕެރޭޑްވެސް އޮންނާނެއެވެ.

އެކި ރަށްރަށުގައިވެސް ވަނީ ފޯރިގަދަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ކުރިއަށްދިޔަ ޙަރަކާތްތަކަށް ބުރޫވެސް އަރާފައިވެއެވެ.