ކުޅިވަރު

އެއްވެސް ބަހަނާއެއް ދެއްކޭކަށް ނެތް، ބޭނުންވަނީ ރަން މެޑަލް ހޯދަން - ކެޕްޓަން ހުޒާމް


އެއްވެސް އުޒުރެއް ދެއްކުމެއް ނެތި މިއަހަރު ބޭނުންވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރަން މެޑަލް ހޯދަންކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް ބުނެފިއެވެ.

ނޭޕާލްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ. މި މުބާރާތަށް ތައްޔާރުވުމަށް ސާބިޔާގައި 10 ދުވަހުގެ ތަމްރީންތަކެއް ފުރިހަމަ ކުރުމުގެ އިތުރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ވާދާކޮށްފައެވެ.

ހުޒާމް ބުނީ މި ދެ ދަތުރާއިއެކު ޓީމްއޮތީ ވަރަށް ރަގަނޅަށް ތައްޔާރުވެފަކަމަށް ހުޒާމް ބުންޏެވެ. އޭނާ ބުނީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ސެންޓަރަލް ޒޯން ވޮލީ މުބާރާތަށް ޓީމަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވިއްޖެކަމަށް. އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ޓީމް ތައްޔާރުވާން ބޭނުންވާ ހުރިހާކަމެއް ވަރަށް ރަނގަޅަށް ފުރިހަމަވެފައިވާކަމަށާއި، މިހާރު ދެއްކޭނެ އެއްވެސް ބަހަނާއެއްވެސް ނެތްކަމަށް އޭނާ ބުންޏެވެ.

"މިފަހަރު އަސްލުގައި ވޮލީ ޓީމްއަށް އެއްވެސް އުޒުރެއް ނުދެއްކޭނެ. ފަރިތަކުރުންތަށް ކުރިއަށް ގެންދާތާ އެއް އަހަރުވެއްޖެ. ސާބިޔާގައި ތަމްރީން ކޮށްފި. އައިއޯއައިޖީގައި ވާދަވެރި މެޗްތަކެއް ކުޅެން ލިބިއްޖެ. އަދި މުބާރާތަށް ފުރުމުގެ ކުރިން ސްރީ ލަންކާޢި އެކު ތިން މެޗް ލިބިއްޖެ. ސެންޓްރަލް ޒޯންގައި ރަން މެޑަލް ހޯދުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރެވިއްޖެ. މިހާރު ގައުމީ ވޮލީ ޓީމްއަކީ ތަޖްރިބާ ހޯދަން ދާވަރުގެ ޓީމްއެއް ޓީމް ނޫން. ހަމަ މެޗް ކުޅެލަން ދާވަރުގެ ޓީމްއެއްވެސް ނޫން. މިގޮތަށް ހުރި ވިސްނުންތަށް އެބަޖެހޭ ބަދަލް ކުރަން. މިގޮތަށް ވިސްނުން ހުރެގެން ދުވަހަކުވެސް ރަގަނޅެއް ނުވާނެ. މިހާރު މިޓީމްއަކީ ސީދާ މޮޅުވާން ދާ ޓީމްއެއް. އަބަދުވެސް ހުންނަންޖެހޭނީ މޮޅުވުމުގެ ވިސްނުން. މިފަހަރު އެއްވެސް ގޮތެއް ނެތް. ބޭނުންވަނީ ހަމަ ރަން މެޑަލް." ކެޕްޓަން އަލީ ހުޒާމް ބުންޏެވެ.

ސާބިޔާގެ ކޭންޕްއާއި އައިއޯއައިޖީގެ މެޗްތަކުގެ އިތުރުން، މުބާރާތަށް ފުރުމުގެ ކުރިން ސްރީ ލަންކާގެ ގައުމީ ޓީމާއި ދެކޮޅަށް މެޗްތަކެއް ކުޅެލަން ލިބުމަކީ މުބާރާތަށް ދިއުމުގެ ކުރިން ޓީމްއަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށް ހުޒާމް ބުންޏެވެ. އަދި އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި މިމެޗްތައް ކުޅެލަން ލިބުމަކީވެސް ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ގައުމީ ކެޕްޓަން އަލީ ހުޒާމް ފާހަގަކުރިއެވެ.