ކަނޑު ދަތުރުކުރާ، ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމށް ޤައުމީ ދިފާޢީ ބާރުން އިލްތިމާސްކުރައްވައިފިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް އަދި ކަނޑުގަދަ ދުވަސް ވަރަކަށް ވުމާއެކު މޫސުމާބެހޭ އިދާރާއިންވެސްވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ ވެރިނަނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާ ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށްވެސް އެންމެންޑީފުން ވަނީ އަނަގަވާފައެވެ.
މީގެއިތުރުން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕުފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ޚާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރާފަރާތްތަކުން އިތުރަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ.
އަދި މުދާއުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް ޢަމަލުކުރުމަށާއި، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ކޯސްޓްގާޑުންވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑުދަތުރުފަތުރު ކުރާ، ފަރާތްތަކުން އެއްވެސް ޙާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅުއްވުމަށް އެމް.އެން.ޑީ.އެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށްބަލާއިރު، މާދަމާ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާ، ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާތީ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.