ޚަބަރު

ޢީދުގެ ނަމާދަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސް ޢީދު ސަލާން ކުރައްވައިފި


މިއަދުގެ ޢީދުގެ ނަމާދަށްފަހު ދިވެހިރައްޔިތުންނަށް ޢީދުގެ ތަޙުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނައިބު ފައިޞަލް ނަސީމް ޢީދު ސަލާން ކުރައްވައިފިއެވެ.

ދެބޭފުޅުން ވެސް ޢީދު ސަލާން ކުރައްވާފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށްފަހު އިސްލާމީ މަރުކަޒުގައެވެ. އިސްލާމީ މަރުކަޒުގައި މިއަދު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ޢަދަދެއްގެ ބަޔަކުވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބަށް ޢީދުގެ ތަޙުނިޔާ ދަންނަވައި ޢީދު ސަލާން ކޮށްފައެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ ބޭފުޅުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޟުޙާ ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދިޔަ އެންމެހައި ދިވެހި ޙައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދުގެ ތަޙުނިޔާ ވިދާޅުވެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.