ކުޅިވަރު

މިއީ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް - ވިޝާމް

އަމިއްލަ ގައުމްގައި އަވައްޓެރި ސްރީ ލަންކާއާއި ދެކޮޅަށް ކުޅޭ ތިން މެޗަކީ ޓީމްގެ ފެންވަރު ސަޕޯޓަރުންނަށް ދައްކާލަން ލިބޭ އެންމެ ރަގަނޅު ފުރުސަތުކަމަށް ގައުމީ ވޮލީ ޓީމްގެ ދެ ސެޓަރުން ބުނެފިއެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ވޮލީ ޓީމުން ފަރިތަކުރާތާ މިހާރު ހަމަސް ވެއްޖެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ސާބިޔާގަ ތަމްރީންތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމް ވާދަކުރިއެވެ. މި ދެ ދަތުރުގައި ކުޅުނު މެޗްތަކަށްފަހު ގައުމީ ފިރިހެން ވޮލީ ޓީމް މިހާރު އޮތީ ސެންޓްރަލް ޒޯން މުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވެފަކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ސެޓަރު ހުސެއިން ވިޝާމް ބުނެފިއެވެ

ވިޝާމް ބުނީ ކުރިން ނުފެންނަވަރުގެ ޓީމް ރޫޙެއް މިހާރު ގައުމީ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެންނަކަމަށެވެ. އަދި ސެންޓްރަލް ޒޯންގެ ކުރިން މިސަރަހައްދުގެ ވަރުގަދަ ބާރެއްކަމަށްވާ ސްރީލަންކާއާއި ދެކޮޅަށް ކުޅޭ މެޗްތަކުން ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ވިޝާމް ބުނެފިއެވެ.

"މިފަހަރުގެ ސެންޓްރަލް ޒޯންގެ ކުރިން ކޭންޕްއެއް ޖަހާނެ ދުވަހެއް ނެތް. ގައުމުން ބޭރަށް ގޮސް މެޗްތަކެއް ކުޅޭނެ ފުރުސަތެއްވެސް ނެތް. ސްރީ ލަންކާއާއި ދެކޮޅަށް މިތިން މެޗް ކުޅެލަން ލިބުމަކީ ޓީމްއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިއީ ޓީމްއަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް. ސްރީ ލަންކާއަކީ މިސަރަހައްދުގެ ވަރުގަދަ ބާރެއް. މިމެޗްތަކުގެ ސަބަބުން ޓީމްއަށް ވަރަށް ބޯޑު ފައިދާއެއް ކުރާނެ. ކޯޗުންވެސް އަދި ކުޅުންތެރިންވެސް މިފަހަރަކު ބޭނުމެއް ނުވޭ އެއްވެސް އުޒުރެއް ދައްކާކަށް. މިފަހަރު ހަމަ ބޭނުންވަނީ ހަމަ ގޯލްޑް މެޑަލް." ހުސެއިން ވިޝާން ބުންޏެވެ.

ޤައުމީ ޓީމްގެ ސެޓަރު އަޙުމަދު ޝިމާޢު ބުނީ އެހެން އަހަރުތަކާއި އަޅާބަލާއިރު މިފަހަރުގެ ތަމްރީންތައް ވަރަށް ތަފާތުކަމަށް. ހާއްސަކޮށް މިފަހަރު ޖިމް ޓްރެއިނިންގއާއިއެކު ވަކިވަކި ކުޅުންތެރިންނަށްވެސް ހާއްސަ ތަމްރީންތަކެއްވެސް ދީފައިވާކަމަށް ޝިމާޢު ބުނި. އަދި މިފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް މީގެކުރިން ދުވަހަކުވެސް ތައްޔާރުނުވާ ވަރަށް ގައުމީ ޓީމަށް ތައްޔާރުވާން ވަގުތު އާއި މެޗްތަށްވެސް ލިބިފައިވާކަމަށް ޝިމާޢު ބުނި.

"މާލޭގައި ކުޅޭ ތިން މެޗްއަކީ ސީދާ ސެންޓްރަލް ޒޯންއަށް އަމާޒް ހިފައިގެން ކުޅޭ ތިން މެޗް. މިތިން މެޗްވެސް ކާމިޔާބުކުރުން ވަރަށް މުހިންމު. މިތިން މެޗުން މޮޅުވެގެން ސެޓްރަލް ޒޯންއަށްދާއިރު، އެމުބާރާތުގެ ފެށުންވެސް ރަގަނޅު ކުރުމަށް މިމެޗްތަކަކީ ވަރަށް މުހިންމު މެޗްތަކެއް. މިފަހަރު ޓީމްގެ ހުރިހާ ކުޅުންތެރިން ބޭނުންވަނީ ސީދާ ރަން މެޑަލް. ހުރިހާ ކުޅުންތެރިންވެސް މިހާރު މަސައްކަތް ކުރަނީ ރަން މެޑަލްއަށް. މިއީ ސެންޓްރަލް ޒޯން މުބާރާތުން ގައުމްއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދުމުގެ ލިބޭނެ ރަނުގެ ފުރުސަތެއް." އަޙުމަދު ޝިމާޢު ބުންޏެވެ.