ކުޅިވަރު

ކޯޗް ސާޖިދު ވޮލީ ޓީމްއަށް ބޮޑު ބަދަލެއް ގެނެސްފި - ކެޕްޓަން ހުޒާމް


ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދުގެ ކޯޗުކަމުގެ ދަށުން ޓީމަށް ވަރަށް ރަނގަޅު ބަދަލްތަކެއް އައިސްފައިވާކަމަށް ޤައުމީ ވޮލީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް ބުނެފިއެވެ.

ގައުމީ ވޮލީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް ބުނީ 2013އިން ފެށިގެން ޤައުމީ ޓީމަށް ކުޅެމުން މިހާ ހިސާބަށް އައިއިރު، ޓީމްގެ ތެރޭގައި ތަފާތުކުރުން ގެންގުޅުމާއި، ކޯޗު ގަޔާވާ ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ދިނުންފަދަ ކަންތައްތައް ފެނުނު ކަމަށެވެ. ނަމަވެސް ކޯޗު ސާޖިދު ވަރުގެ ކޯޗެއް މިހާތަނަށް އައިސްފައިނުވާކަމަށާއި ޓީމްއަށް ރަނގަޅު ބަދަލްތަކެއް އައިސްފައިވާކަމަށް ހުޒާމް ބުނިއެވެ.

ހުޒާމް ބުނީ މީގެ ކުރިން ގައުމީ ޓީމުން ނުފެންނަވަރުގެ ރޫޚެއް މިހާރު ކުޅުންތެރިންގެ ކިބައިން ފެންނަކަމަށާއި މިއީ ރަން މެޑަލްއަށް އަމާޒްކޮށްގެން ސެންޓަރް ޒޯން ވޮލީ މުބާރާތަށް ދާއިރު، ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ.

"ކުރިން ގައުމީ ޓީމް ކުރިން އެހާ ބޮޑަކަށް އެކެއް ނުލަވާނެ. ފަރިތަކުރުންތަކަށްވެސް އަންނަނީ އެމީހަކު ބޭނުން ގަނޑިއަކު. ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުން އޮވޭ. ނަމަވެސް މިހާރުގެ ކޯޗް ސާޖިދު ކޯޗްކަމާއި ހަވާލްވުމަށްފަހު، މުޅި ޓީމްވަނީ ބަދަލްކޮށްފާލަ. މިހާރު ކުޅުންތެރިން ވަރަށް ޕްރޮފެޝަނަލްވާނެ. ފަރިތަކުރުންތަކަށްވެސް މިހާރު ކުޅުންތެރިން ގަނޑިއަށް އަންނާނެ. ގަނޑިޖެހުމުގެ ފަނަރަ މިނެޓް ކުރިން މިހާރު ކުޅުންތެރިން އައިސް، ތައްޔާރުވާނެ. ޓީމްގެ ހިއްވަރު އާއި މިހާރު ޓީމްގެ ކުޅުންތެރިން ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ކުރާ ހިތުން. ޓީމް މިހާރު ވަރަށް ތަފާތުވާނެ." ކެޕްޓަން އަލީ ހުޒާމް ބުންޏެވެ.