ކުޅިވަރު

ރައީސްގެ އީދު ޗުއްޓީ ކުރުކޮށްލެއްވުމަށްފަހު ވޮލީ ޓީމްގެ މެޗްތައް ބެއްލެވުމަށް!


ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކުރާ އެކުވެރިކަމުގެ ވޮލީ މެޗްތައް ބައްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާނެކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.

މިމަހުގެ 12، 13 އަދި 14ވަނަ ދުވަހު ސްރީލަންކާގެ ޤައުމީ ވޮލީ ޓީމާއި ދެކޮޅަށް ރާއްޖޭ ޤައުމީ ޓީމް ކުޅޭ މެޗްތަކުގެ ފޯރި ގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ޔޫތް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމެޗްތަކުގެ ފޯރި އިތުރަށް ފޯރިގަދަވަނީ މެޗްތައް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވަޑައިގަންނަވާތީ ކަމަށާއި، ރައީސްގެ އީދު ޗުއްޓީ ކުރުކޮށްލެއްވުމަށްފަހު މެޗްތައް ބެއްލެވުމަށް ވަޑައިގަންނަވާކަމީ އެމަނިކުފާނު ކުޅިވަރަށް ބަހައްޓަވާ ޝައުވެރިކަން ހާމަވާ ކަމެއްކަމުގައި މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އީދު ބަންދުގައި އަމިއްލަފުޅު ދަތުރެއްގައި ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ޤައުމީ ޓީމްގެ މެޗުތަކަށް ރައްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 18ވަނަ ދުވަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މިމެޗްތަކަކީ ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ގެނައުމާއި ވޮލީގެ މަގުބޫލުކަން އިތުރުކުރުމަށް ކުޅެވޭ މެޗުތަކެއްކަމަށް ޔޫތް މިނިސްޓަރ މަޙުލޫފްވަނީ ވިދާޅުވެފައެވެ.