ޚަބަރު

ދަނބިދުއަށް އަލުން ކަރަންޓު ދޭން ފަށައިފި


ލ.ދަނބިދުއަށް މިހާރު ކަރަންޓު ފޯރުކޮށްދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ދަނބިދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅިރަށުން ރޭ ވަނީ ކަރަންޓު ކެނޑިފައެވެ.

ފެނަކައިން ބުނީ ރޭ ފަތިހު 5:45 ހާއިރު މުޅި ރަށަށް ކަރަންޓު ފޯރުކޮށްދީފައިވާކަމަށެވެ. އަދި އިތުރު ޖަނަރޭޓަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ، އެ ޖަނަރޭޓަރސެޓް މިރޭގެ ވަގުތެއްގައި ދަނބިދުއާއި ހަމައަށް ގެންދެވޭނެކަމަށް ބެލެވޭކަމަށެވެ.

ދަނބިދޫ އިންޖީނުގޭގައި އަލިފާން ރޯވެފައިވަނީ ރޭ އަށްގަޑި ތިރީސްހާއިރުކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. އަލިފާން ރޯވީ އިއްޔެ މަރާމާތު ކޮށްގެން ބޭނުންކުރަން ފެށި އިންޖީނެއްގައި ކަމަށާއި ބެލެވޭ ގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ރޭ އަލިފާން ރޯވެފައިވަނީ ދަނބިދޫގައި ކަރަންޓު ދޭން ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގައެވެ. އެރަށު އިންޖީނު ގެއިން ގާތްގަނޑަކަށް 120 ވަރަކަށް ގެޔަށް ކަރަންޓުދެއެވެ.