ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރާފާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭ އަށަކުން މާދަމާރޭ އަށެއް ޖެހުމާހަމަޔަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. މިގޮތުން ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު ދިހަ މޭލާއި އަށާރަ މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ތިރީސް ފަސް މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ ދަތުރު ފަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ވަގުތުގައިވެސް މާލޭގެ ކާނިވާ ސަރަޙައްދަށްވަނީ އުދަ އަރާފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށްއޮތް ހަފްތާގައި ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެއެވެ. އެގޮތުން ކުރިއަށް އޮތް ސައުވީސް ގަޑިއިރު ދެކުނުގެ ރަށްރަށަށް ވިއްސާރަވާނެކަމަށް ލަފާކޮށްފައިވާއިރު ތިން ދުވަހު މެދުރާއްޖެތެރެއަށްވެސް ވިއްސާރަ ވާނެކަމަށް މެޓުއޮފީހުން ލަފާކުރެއެވެ.
އަދި ޖުމްލަކޮށް މުޅި ހަފްތާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެއެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ ވަޔާއި ކަނޑު އާދައިގެ ވަރަކަށް ގަދަވާނެކަމަށެެވެ.
މިދުވަސްވަރަކީ ޢީދު ބަންދާ ދިމާވާ ދުވަސްވަރަށްވާތީ ގިނަބަޔަކު ދަނީ ކަނޑުމަގުން ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.