ކުޅިވަރު

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރައިން ހޯދައިފި


ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލެވިސްޓަރ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރަ ކިހަވަށް ސްޓްރައިކަސް ހޯދައިފިއެވެ.

ފޮރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރަ އިން ހޯދީ ޓީމް ސޮނެވާއާ ވާދަކޮށް މެޗްގެ ފުރިހަމަ ވަގުތުހަމައިރު 2-2 އިން މެޗް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ.

އަނިޔާގެ ސަބަބުން ތަޖުރިބާކާރު ގިނަކުޅުންތެރިންތަކެއް މިއަދު މެޗްގައި އަނަންތަރަ ޓީމަށް ނުކުޅޭއިރު، މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ސޮނޭވާފުށިންނެވެ. މެޗްގެ 37 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހައިދީނީ އާދަމް ނިޒާމްއެވެ. އެލަނޑު ޖަހާ 4 މިނެޓްފަހުން ސޮނެވާފުށިން އިތުރު ލަނޑެއްޖަހާ އުއްމީދު އާކުރިއެވެ. މިލަނޑުވެސް ޖަހައިދިނީ އާދަމް ނިޒާމް އެވެ.

ދެވަނަ ހާފްގައި އަނަންތަރަގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނިގެން ދިޔަ މިމެޗްގައި އެޓީމުން ޖެހި ފުރަތަމަ ލަނޑުޖެހީ ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓްގައި އެޓީމުގެ ހުސެއިން ހަންނާންއެވެ.

މެޗުގެ ނަތީޖާ ހަމަކުރީ މެޗްގެ އިތުރުވަގުތުގެ ފަހު މިނެޓްގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު އަނަންތަރަގެ ސުފްޔާން ޙަލީލް ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ޕެނަލްޓީގައި އަނަންތަރައިން ޖެހި 5 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީއެއްވަނީ ކާމިޔާބުކޮށްފައެވެ. ސޮނެވާފުށިން ޖެހި 5 ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ.

މި މުބާރާތުގެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އަނަންތަރައިގެ ސުފްޔާން ޙަލީލްއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއާގެ މަގާމް، ޓީމް ސޮނެވާގެ އަފްރާޙް އަބްދުލް އަޒީޒް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއާ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރަގެ އިސްމާލް ޝާކިރުއެވެ.

މިމުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ކިހަވަށް ސްޓްރައިކަސްގެ މާޙިދް އަލީއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޓީމް ސޮނެވާގެ އިބްރާޙިމް ނިޙާދުއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑް ކުޅުންތެރިއަކަށާ، އެންމެ ގިނަ ލަނޑު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ސޮނެވާގެ އާދަމް ނިޒާމް (ކިތުނާ)އެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަނަންތަރަގެ ކޯޗް އަޙްމަދު އުޝާމްއެވެ.

ކުރިން ކްލަބް ކޮމްބިނޭޝަން އިން ބޭއްވި މި މުބާރާތް ފަހަކަށް އައިސް ބޭއްވީ އޭދަފުށީ ޒުވާނުންގެ ކްލަބުން. ނަމަވެސް މިފަހަރު މި މުބާރާތް ބޭއްވީ ވެލާ ސްޕޯޓްސް ކްލަބުން.