ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކުރެވޭ - މެޓް


ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރާފާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ވަގުތުގައިވެސް މާލޭގެ ކާނިވާ ސަރަަޙައްދަށްވަނީ އުދަ އަރާފައެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު ދެން އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރުގެ ވަގުތުގައިކަމަށެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެއެވެ. އެގޮތުން ކުރިއަށް އޮތް 24ގަޑިއިރު ދެކުނުގެ ރަށްރަށަށް ވިއްސާރަވާނެކަމަށް ލަފާކޮށްފައިވާއިރު 3 ދުވަހު މެދުރާއްޖެތެރެއަށްވެސް ވިއްސާރަ ވާނެކަމަށް މެޓުއޮފީހުން ލަފާކުރެއެވެ.

އަދި ޖުމްލަކޮށް މުޅި ހަފްތާގައި ރާއްޖޭގެ އެކި ސަރަަޙައްދުތަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެއެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ ވަޔާއި ކަނޑު އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

މިދުވަސްވަރަކީ ޢީދު ބަންދާ ދިމާވާ ދުވަސްވަރަށްވާތީ ގިނަ ބަޔަކު ދަނީ ކަނޑުމަގުން ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މުސުމަށް ސަމާލްވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.