 
										
			ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގައި 8 ބުރީގެ ކްލާސްރޫމް ބްލޮކެއް ހަދަން ނިންމައި އެމަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. 
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. 
މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ފަސް ސަތޭކަ ހާސް ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަމަހުގެ 24 ވަނަ ދުވަހެވެ. ސީ.އެޗް.އެސް.އީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 8 ބުރީގެ ކްލާސްރޫމް ބްލޮކެއް އެޅުމަށް ނިންމާފައިވާއިރު، މިއީ 2019 ވަނަ އަހަރު ޕީ.އެސް.އައި.ޕީގެ ތެރެއިން ހިންގުމަށް ބަޖެޓުކޮށްފައިވާ މަޝްރޫއެކެވެ. 
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި ހުޅުވުނު މި ސްކޫލަކީ، މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ. އެ ސްކޫލުގައި މިހާރުވެސް 1500 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާޞިލުކުރަމުންނެވެ.