ކުޅިވަރު

ލުކާކޫ އިންޓަ މިލާނަށް


މެންޗެސްޓާ ޔުނައިޓެޑުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އިޓަލީގެ އިންޓަމިލާނަށް ސޮއިކޮށްފި އެވެ.

ޔުނައިޓެޑަށް މިދިޔަ ދެ އަހަރު 96 މެޗުން 42 ގޯލު ޖަހައިދިން ފޯވަޑް ބުނީ އޭނާ އިންޓަމިލާނަށް ބަދަލުވީ އޭނާ ބޭނުންވެގެން އުޅުނު ހަމައެކަނި ކުލަބަކީ އެއީ ކަމަށްވާތީ ކަމަށެވެ.

އުމުރުން 26 އަހަރުގެ ފޯވަޑް ޔުނައިޓެޑުން ވިއްކާލީ 74 މިލިއަން ޕައުންޑެވެ. މިހެންވެ އޭނާ ވެފައިވަނީ އިޓަލީގެ ލީގަށް ތިން ވަނަ އަށް އެންމެ އަގުބޮޑުކޮށް ބަދަލުވި ކުޅުންތެރިޔާ އަށެވެ. މިއަށްވުރެ އަގުބޮޑުކޮށް ބަދަލުވެފައިވަނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގޮންޒާލޯ ހިގުއައިންނެވެ.

"އަހަރެން ބޭނުންވެގެން އުޅުނު ހަމައެކަނި ކުލަބަކީ އިންޓަމިލާން. އަހަރެން މިއައީ މިކުލަބު އެންމެ މައްޗަށް ނަގައިދޭން،" ލުކާކޫ ބުންޏެވެ.
އޭނާ އިންޓަމިލާނަށް ގެންދިޔައީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އޭނާ އަށް ޔުނައިޓެޑުގެ ފުރަތަމަ 11އިން ޖާގަ ގެއްލެން ފެށީ މިހާރުގެ ކޯޗު އޮލޭގަނާ ސޮލިޝަނާ ހަވާލުވި ހިސާބުންނެވެ.