ކުޅިވަރު

ޕްރިމިއާ ލީގަށް ޓީމުތަކުން ކުރި ހަރަދު 1.4 ބިލިއަނަށް


އިނގިރޭސި ޕްރެމިއާ ލީގުގެ އާ ސީޒަނަށް ޓީމުތަކުން ކުރި ހޭދަ 1.41 ބިލިއަން ޕައުންޑަށް އަރައިފި އެވެ.

ރޭ ޓްރާންސްފާ މުއްދަތު ބަންދުވިއިރު ހޭދަކޮށްފައިވާ މި މިންވަރަކީ ރެކޯޑް އަދަދެއްނޫނެވެ. މިހާތަނަށް އެންމެ ގިނައިން ކުލަބު ތަކުން ހަރަދުކޮށްފައިވަނީ 2017 ވަނަ އެވެ. އެއީ 1.42 ބިލިއަން ޕައުންޑެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ އާސެނަލް އެވެ. އެކުލަބުން 155 މިލިއަން ޕައުންޑެ ހޭދަކުރި އެވެ. އެންމެ ފަހު ވަގުތު ޓްރާންސްފާ މާކެޓް ނިންމާލީ 34 މިލިއަނަށް އެވަޓަންގެ އިވޯބީ އާއި ޗެލްސީގެ ޑޭވިޑް ލުއިޒް 8 މިލިއަން ޕައުންޑަށް ގަތުމަށްފަހު އެވެ.

ކުޅުންތެރިއަކު އެންމެ ބޮޑު އަގުގައި މި ފަހަރު ވިއްކާލީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ އިޓަލީގެ އިންޓަމިލާނަށް ވިއްކާލީ 74 މިލިއަން ޕައުންޑެވެ.

މިފަހަރުގެ ސީޒަނަށް ވަޓްފޯޑުން އެކުލަބުގެ ރެކޯޑް އަދަދަށް ހަރަދުކުރި އެވެ. އެއީ 25 މިލިއަން ޕައުންޑެވެ. ނަމަވެސް ބޮޑެތި ކުލަބުތަކަށް ކަމަށްވާ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ތިބީ މިފަހަރު ވަރަށް ހަނުހިމޭނުންނެވެ.