ޚަބަރު

ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް 40 މަޝްރޫޢު


މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ 40 މަޝްރުއެއް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މީގެ ތެރެއިން 3 މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް، ކޮންމެ ސަރުކާރަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ޚާއްސަކޮށް އައު ޢިމާރާތްތައް ބިނާކުރުމާއި ކްލާސްރޫމްތައް ހެދުމުގެ އިތުރުންވެސް ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް މަސައްކަތް ކުރަމުންދެއެވެ.

ސްކޫލްތަކުގެ ތެރައްޤީއަށް މިސަރުކާރުންވަނީ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ނިންމަވާފައެވެ. މިގޮތުން މިއަހަރަށް ދަޢުލަތުން ކަނޑައެޅި ބަޖެޓުގެ ޕީއެސްއަޕީގެ ބައިން ސްކޫލްތަކުގެ ޢުމަރާނީ ތަރައްޤީގެ 40 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެ 37 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 3 މަޝްރޫއުއެއް ކުރިއަ ގެންދިޔުމަށް ވަނީ ހަމަޖެހިފައެއެވެ.

މީގެ ތެރޭގައި 253 ކްލާސްރޫމް ހެދުމަށާއި 22 މަލްޓިޕަރޕަސް ހޯލާއި 4 ލައިބްރަރީއާއި 16 ސްޓާފް ރޫމް ހަދަންވަނީ ނިންމަވާފައެވެ. އަދި 15 ސައިންސް ލެބާއި ދަރިވަރުންނަށް ޚާއްސަ 362 ފާޚާނާއާއި 45 އެކްސެސިބަލް ފާޚާނާގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އުމަރާނީ އެހެނިހެން ވަޞީލަތްތަކުގެތެރެއިން 215 ވަޞީލަތެއް ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. 2019ވަނަ އަހަރުގެ ބަޖެޓުގައި ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް 246 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒު ވިދާޅުވީ މިއަހަރު ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 13 މަޝްރޫގެ މަސައްކަތް ކުރުމަށް މިހާރު އެކިފަރާތްތަކާ ހަވާލުކޮށްފައި ވާކަމަށެވެ. އަދި އަޕްގްރޭޑް ކުރުމުގެ 2 މަޝްރޫއެއް ކުރިއަށްދާކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ ތެރޭގައި 28 ކްލާސްރޫމްއާއި 12 މަލްޓިޕަރޕޯސް ހޯލާއި 1 ސްޓާފް ރޫމް އަޕްގްރޭޑް ކުރުން ހިމެނެއެވެ. އަދި 1 ސައިންސް ލެބާއި ދަރިވަރުންނަށް ކާއްސަ 82 ފާޚަނާއާއި 13 އެކްސެސިބަލް ފާޚާނާގެ އިތުރުން އުމްރާނީ ތަރައްޤީގެ 82 ވަޞީލަތެއް ފޯރުކޮށްދިނުން ހިމެނޭކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މި މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް އޮގަސްޓު މަހުގެ ނިޔަލަށް ފެށޭނެ. މި 13 މަޝްރޫއުއަށް 137 މިލިޔަން ރުފިޔާ ޚަރުދާވެނެކަމަސް ލަފާކުރެވޭ." ރިޔާޒު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރުވެސް 8 މަޝްރުއުއެއްގެ ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެތެރޭގައި 129 ކްލާސްރޫމް، 5 މަލްޓިޕާރޕަސް ހޯލް، 4 ލައިބްރަރީ ހިމެނެއެވެ. މީގެ އިތުރުން 6 ސްޓާފް ރޫމާއި 8 ސައިންސް ލެބާއި 140 ފާޚަނާ އާއި އެކްސެސިބަލް 12 ފާޚާނާ ތަރައްޤީ ކުރުން ހިމެނެއެވެ. އަދި އުމްރާނީ ވަޞީލަތްތަކުގެ ގޮތުގައި 74 ވަޞީލަތް ފޯރުކޯށްދިނުން ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުތަކަށް 300 މިލިޔަންވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށާ، ސެމްޓެމްބަރު މަހުގެތެރޭ މިމަސައްކަތް ކުރުމަށް ބަޔާކާ ޙަވާލުކުރާނެކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީންވަނީ އައު މަންހަޖަށް އެންމެ އެކަށީގެންވާގޮތަށް މާލެ ސަރަޙައްދުގައި 2 ސްކޫލެއް ޢިމާރާތްކުރުމަށްވެސް ނިންމާފައެވެ.