ޚަބަރު

ޓްވިޓާރ ގައި ދައުރު ވަނީ ހޮސްޕިޓަލަށް ނިސްބަތްވާ ޑޮކްޓަރެއްގެ ފޭކު އެކައުންޓެއް : އެޗްއާރުއެޗް


ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ނަމުގައި ދައުރު ވަމުންދާ ޓްވީޓްތަކެއްގެ މައްސަލަ ހޮސްޕިޓަލުން ތަޙުޤީޤު ކުރަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. އެހޮސްޕިޓަލުން ނެރުނު ނޫސަބަޔާނެއްގައި ބުނެފައިވަނީ މިހާރު ޓްވިޓަރ ގައި ދައުރު ވަމުންދަނީ ހޮސްޕިޓަލަށް ނިސްބަތްވާ ޑޮކްޓަރެއްގެ ފޭކު އެކައުންޓެއް ކަމުގައެވެ.

މިކަމާއި ގުޅޭ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ޖުލައި މަހުން ފެށިގެން، އެހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ނަމުގައި ދައުރު ވަމުންދާ ޓްވީޓްތަކެއްގެ މައްސަލަ ހޮސްޕިޓަލުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަން ހިނގިގޮތް މިހާރު ތަޙްޤީގު ކުރަމުންދާ ކަމަށް އެޗް. އާރު. އެޗް. އިން ބުނެއެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި މިހާތަނަށް ހޯދުނު ހޯދުން ތަކުން މިއީ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ނަންމަތީ ހަދާފައިވާ ފޭކު އެކައުންޓެއް ކަން ދަނެގަނެވިފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓް.

މިއެކައުންޓު ކުރި ޓްވިޓްތަކާއި ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މިއެކައުންޓުން ކުރާ ޓްވީޓްތަކަކީ، އިންޑިއާ އަށް ނިސްބަތްވާ މީހަކު ކުރާ ޓްވީޓްތަކެއް ގޮތުގައި ސިފަ ކުރި ނަމަވެސް، މި ޑޮކްޓަރަކީ ނޭޕާލަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށް ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ހޮސްޕިޓަލުން ވަނީ މިފަދަ ކަންކަންކަމަށް ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.