ކުޅިވަރު

މިމަހުގެ 13 ވަނަދުވަހު ސޯޝަލް ސެންޓަރ އިންޑޯހޯލް ފުރާލުމަށް މިނިސްޓަރ މަހުލޫފް އެދިލައްވައިފި


މިމަހުގެ ތޭރަވަނަ ދުވަހު ގައުމީ ވޮލީބޯޅަ ޓީމަށް ހިތްވަރު ދިނުމަށް ސޯޝަލް ސެންޓަރ އިންޑޯހޯލް ފުރާލަދިނުމަށް ދިވެހި ސަޕޯޓަރުންގެ ކިބައިން ކުޅިވަރާއިބެހޭ ވަޒީރު އަޙުމަދު މަހްލޫފް އެދިވަޑައިގެންފިއެވެ.

ކުރިއަށްއޮތް އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ގައުމީ ވޮލީޓީމް ތައްޔާރުވުމުގެ ގޮތުން، މިނިސްޓަރ މަހްލޫފްގެ ދަޢުވަތަކަށް އަވައްޓެރި ސްރީލަންކާގެ ގައުމީޓީމް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ލަންކާ ގައުމީ ޓީމާއި ރާއްޖެ ގައުމީ ޓީމް އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ މަހްލޫފް ވަނީ ގައުމީ ވޮލީބޯޅަ ޓީމާއި މިއަދު ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ. ވޮލީބޯޅަ ޓީމާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ވޮލީބޯޅައަކީވެސް ގައުމަށް ރީތިނަން ހޯދައި ދެވޭނެފަދަ ކުޅިވަރެއް ކަމަށާއި، ސެންޓްރަލް ޒޯން މުބާރާތުން ރައްޖެއަށް ރަން މެޑަލް ގެނައުމަށް ވޮލީބޯޅަޓީމުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.

މަހްލޫފް ވިދާޅުވީ ވަރުގަދަ އާމާޒެއް ހިފައިގެން ޓީމުން ތައްޔާރުވަމުން އަންނައިރު ވޮލީގެ ފޯރި އިތުރުކުރުން ވަރަށް މުހިންމު ކަމަށާއި، ލަންކާ ގައުމީޓީމާއި ދެކޮޅަށް ކުޅޭމެޗުތަކުން ރަނގަޅު ތަޖުރިބާއެއް ޓިމަށް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.
މިނިސްޓަރ މަހްލޫފް ވަނީ ސެންޓްރަލް ޒޯންއަށް ފުރުމުގެ ކުރިން ލަންކާ ގައުމީ ޓީމާއިއެކު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ގައުމީ ޓީމަށް ހިތްވަރުދިނުން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ފުރާލަދިނުމަށް ދިވެހި ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.