ކުޅިވަރު

16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ނިޒާމް


16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

16އަހަރުންދަށުގެ ކޯޗަކަށް ނިޒާމް ހަމަޖެއްސުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ނިޒާމްގެ ގާބިލްކަން އޭނާ އަމަލުން ދައްކުވައިދީފި ކަމަށާއި، އެހެންކަމުން ޒުވާން ކުޅުންތެރިންތަކެއް ބިނާކުރަން އެންމެ ރަނގަޅު އެއް ކޯޗަކީ ނިޒާމްކަމަށެވެ. އަދި ނިޒާމްއާއިއެކު މަސައްކަތް ކުރުމަކީ އެފްއޭއެމްގެ ޓެކްނިކަލް ޓީމަށްވެސް ލިވޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ނިޒާމްގެ އެންމެ ބޮޑު މަސައްކަތަކީ 2023އަހަރު ރާއްޖޭގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރަނގަޅު ޓީމެއް ބިނާކުރުންކަމަށެވެ.
ކޯޗުކަމާއި ރަސްމީކޮށް ހަވަލުވުމަށްފަހު ނިޒާމް ބުނީ، އޭނާއަކީ ކޯޗިން ކެރިއަރުގައި އަބަދުވެސް ބޮޑެތި ޗެލެންޖުތަކާއި ކުރިމަތިލައިގެން ކާމިޔާބުހޯދަން ބޭނުންވާ ކޯޗެއް ކަމަށާއި، ހަތަރު އަހަރު ކުރިން ފަށައިގެން މުބާރާތަކަށް ގައުމީ ޓީމަށް ކުޅުންތެރިން ތައްޔާރުކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. ނިޒާމް ބުނީ، މިހާރު ވަކި ނަތީޖާއެއް ނެރެވޭނެ ކަމަށް ބުނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އައިއޯއައިޖީގައި ރަނގަޅު ވާދައެއްކޮށް ނަތީޖާ ނެރެވޭނެ ވަރުގެ ޓީމެއް ބިނާކޮށްދޭނެ ކަމަށެވެ.