ޚަބަރު

ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އަމުރުކޮށްފި


ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރި މައްސަލަގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން އެދި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ޕޮރޮސެކިއުޓާ ޖެނަރަލް އެދިވަޑައިގެންފައިވަނީ އަދީބު ފިލައިގެން ގޮސްފައިވާތީ އެ މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ އެ މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި އޭނާ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށާއި ހުށައަޅާފައިވާ މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައިވާ ތުހްމަތުތަކުގެ މައްޗަށް ވިސްނުމަށް ފަހު އެވެ. އަދި އެ ބާވާތުގެ މައްސަލަތަކުގައި އަމަލުކުރަން ދުސްތޫރީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށް ރިއާއަތްކޮށް ނެރުއްވާފައި އެވާ އަމުރު ރައްދުވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ލިބޭ ވަގުތުން ފެށިގެން ކްރިމިނަލް ކޯޓުން އަދީބު ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްވާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބަށް ވަކީލަކު އައްޔަން ކުރުމަށް 7 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.

ރާއްޖެއިން ބޭރަށް އަދީބު ފިއްލަވައިގެން ވަޑައިގަތުމުން އޭނާ އަނބުރައި ރާއްޖެ ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ހޯމަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ އަމުރުގެ ދަށުން އޭނާ ބަންދުގައި މިހާރު ހުރި ނަމަވެސް އެ ބަންދާމެދު ހައިކޯޓަށް ކޮންމެ ވަގުތެއްގައިވެސް ގޮތެއް ނިންމިދާނެ ކަމަށެވެ. އެހެންކަމުން އަދި އޭނާ ބަންދުން ދޫކޮށްލުމުގެ ފުރުޞަތު ކޮންމެ ވަގުތެއްގައިވެސް އެބައޮތްކަމަށެވެ.

އަދީބު އާ އެއްކޮޅަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާޠިލް ކުރުމަށް ހުށައެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު އެވެ.