ވިޔަފާރި

އިލެކްޓްރިކް މަތިންދާބޯޓުތައް ބާޒާރަށް ނިކުންނަނީ!


ތެޔޮ ބޭނުންކުރަން ނުޖެހޭ، ތިމާވެއްޓާ ރައްޓެހި، އިލެކްޓްރިކް މަތިންދާބޯޓުތަކެއް ބާޒާރަށް ނެރުމުގެ މަސައްކަތް އިސްރާއީލްގެ ކުންފުންޏަކުން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުން އިސްރާއީލުގެ "އިވިއޭޝަން" ނަމަކަށް ކިޔާ ކުންފުންޏަކުން ދަނީ މިހާރު އެފަދަ ފްލައިޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަމަހު ޕެރިސްގައި ބޭއްވި އެެއަރ ޝޯވގެ ތެރެއިން ކަރަންޓުން އޮޕަރޭޓު ކުރާ ރިޗާޖް ކުރެވޭ މަތިންދާބޯޓުގެ ނަމޫނާވެސް އެކުންފުނިން ވަނީ ދައްކާލާފައެވެ.

"އެލައިސް" ނަމަކަށް ކިޔާ އެ ބޯޓާ ބެހޭގޮތުން އެކުންފުނިން ބުނީ، އެ ބޯޓަކީ ނުވަ ފަސިންޖަރުންނާއެކު ބިމުގެ ދިހަ ހާސް ފޫޓު މަތިން، 650 މޭލުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ބޯޓެކެވެ.

އެ ބޯޓު އުފައްދައި ފައްކާ ކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ އިރު އަންނަ 2022 ވަނަ އަހަރު އޭގެ ޚިދުމަތް ފެށިގެންދާނެކަމަށް އިވިއޭޝަން ކުންފުނިން ބުނެއެވެ.

ބެޓަރީގެ އެހީގައި އުދުހޭ މި ބޯޓުގައި ތިން ބުރަފަތި ހުންނަ އިރު ބޯޓުގެ މައިގަނޑުގައިވެސް އެހެން ބޯޓުތަކާ އަޅާ ބަލާއިރު މާބޮޑު ތަފާތެއް ނުހުރެއެވެ.

އެލައިސް އުފެއްދި ކުންފުނީގެ ސީއީއޯ، އުމަރު ބާރ-ޔޮހޭ ވިދާޅުވެފައިވަނީ އެލައިސްއަކީ ފުލް އިލެކްޓްރިކް ފްލައިޓެއް ކަމަށާއި، ފްލައިޓުގެ ރީތިކަން ފުރިހަމަވެފައިވަނީ އިލެކްޓްރިކް ސިސްޓަމެއް ގާއިމްކުރުމުގެ ސަބަބުން ބޯޓުގެ މޯޓަރުތައް ލުއިވެ ޑިޒައިންކުރަން ފަސޭހަވުމުން ކަމަށެވެ.

ޕެރިސްގައި ބޭއްވި އެއަރ ޝޯގައި އެލައިސް ލޯންޗުކުރުމާއެކު އެފަދަ ފްލައިޓުތައް ގަތުމަށް އެކި ފަރާތްތަކުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އެމެރިކާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ކޭޕް އެއަރއިން ވަނީ އޭގެ ބޯޓު ގަތުމަށް އިވިއޭޝަން ކުންފުންޏަށް އޯޑަރުވެސް ދީފައެވެ.