ޚަބަރު

އެއްވެ އުޅުމުގެ މިވަންކަން ހަނިކުރަން، ކުރީ ސަރުކާރުން ގެނައި އިސްލާޙް ބާޠިލްކުރަން ހުށަހަޅައިފި


ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެއުޅުމުގެ މިވަންކަން ހަނިކުރުމަށް ގެނައި އިސްލާޙް ބާޠިލްކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

އެއްވެ އުޅުމުގެ ޤާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ މިއިސްލާޙަކީ އެޤާނޫނުގައި މިހާރު އޮތްގޮތުން އެއްވެއުޅުމުގެ ފުރުސަތު ހަނިވާތީއާއި އެއްވެ އުޅުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްޤަށްވާތީ އެފުރުސަތު ޤާނުނު އަސާސީގައި ވާގޮތުގެމަތީން ހޯއްދެވުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމުގައި ޑީއާރުޕީން ބުނެއެވެ.

އެއްވެ އުޅުމުގެ ޤާނޫނަށް ޖާބިރު މިއިސްލާޙު ހުށަހަޅުއްވާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވަނީ ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަޑައަޅާފައެވެ.

މި އިސްލާޙު ހުށަހެޅުއްވުމުގެ އެންމެ ބޮޑު މަޤުސަދަކީވެސް ޤާނޫނުން ހަނިކޮށްފައިވާ ހައްގުތައް ހޯދައި ދިނުންކަމަށާއި، މިކަމަކީ އޭރުވެސް އަދި މިހާރުވެސް ދިވެހި އެތަކެއް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށްވާތީ ކަމުގައި ޑީއާރުޕީން ބުނެއެވެ. ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކުއެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބުނެފައިވެއެވެ.