ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާ ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް "މޫލީ" އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހީންނާއިގެން ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިޔުމަށް، އުރީދޫން ފަށާފައިވާ ދަތުރުގައި، މި އާދެވުނީ މުޅިން އައު މަންޒިލަކަށް ކަމަށެވެ.
އުރީދޫގެ މޫލީ ޕްލެޓްފޯމަކީ، އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާޙައުލަކަށް ވާނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ ދިވެހިންގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް، ވަރަށް ބޭނުންތެރި އުރީދޫގެ މޫލި ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން، ދިރިއުޅުމުގެ ޑިޖިޓަލް ވައްޓަފާޅިއަކަށް، ދިވެހިން ބަދަލުވާން ފަށައިފިކަމަށާއި، ދިވެހިންގެ އަސާސީ ކިތަންމެ ކަމެއް މިހާރު ޑިޖިޓަލްވެފައިވާކަމަށެވެ. އެގޮތުން ސްކޫލް މަދަރުސާތަކުގައި ޑިޖިޓަލް ލައިބްރަރީތައް ހުޅުވަމުން އަންނަކަމަށާއި އަދި ކިޔަވައިދިނުމަށްވެސް ޑިޖިޓަލް ކްލާސްރޫމްތައް ބޭނުންކުރަން ފަށާފައިވާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި މަސްވެރިންނަށްޓަކައި، މަސްދޯނި އެކައުންޓް ތަޢާރަފް ކުރެވިފައިވާކަމަށާއި، މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު، ބޭންކުގެ ޚިދުމަތްތައް މިހާރު ހުރީ މަސްދޯނީގެ މަސްވަތާ ހަމައަށް ތިރިކުރެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޓެކްސީގެ ޚިދުމަތް ހޯދުމާއި، އޮފީސްތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް، ސްމާރޓް ފޯނުގެ ޒަރީޢާއިން ހޯދޭނެ ގޮތްތައް ހަމަޖެހެމުން އަންނަކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ އިންޓަރނެޓް އަގުހެޔޮ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"އެހެންވީމާ، ޢާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާއެއް ނުލިބޭނެ. އަޅުގަނޑުމެން މިއަދު ވިސްނަންވީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫން. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އުރީދޫގެވެސް އަމާޒަކީ ހަމަ އެއީ. މިހާރަށް ވިސްނާނަމަ، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް. އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާ ގުޅިފައިވާ އެއްޗެއް. އެހެންވީމާ، އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ، ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރެވޭ ބޮޑު އިންވެސްޓަކަށް ވާނެކަމުގެ ޔަގީންކަން އެމަނިކުފާނުދެއްވިއެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާ، އަދި ދެކުނު އިރުމަތީ އޭޝިޔާގެ ޖުމްލަ 10 ޤައުމެއްގައި ޚިދުމަތް ދެމުންދިޔަ ނަމަވެސް، މޯބައިލް ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް އުފަންވާ ކޮންމެ ޚިދުމަތެއް ޤަޠަރަށް ފަހު، އުރީދޫން ދެން ތަޢާރަފްކުރަނީ ބައި މިލިއަންވެސް ހަމަނުވާ މި ދިވެހިރާއްޖޭގައިކަން ފާހަގަކުރައްވައި އެކަމުންވެސް ދިވެހީން ޑިޖިޓަލް ޓެކްނޮލޮޖީއަށް ފަރިތަވެފައިވާ މިންވަރާއި ހާމަވާކަނަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ރަނގަޅު އަގުގައި ޓެކްނޮލޮޖީ ވިއްކަން ފަސޭހަ ބާޒާރެއްކަމަށާއި، އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއްކަމަށް ރައީސް ޞާލިޙްވިދާޅުވިއެވެ.
"ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން، އުރީދޫން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. މިއަދުވެސް އަޅުގަނޑުމެން މިތިބީ ފޮރިން އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް.އުރީދޫން ތަޢާރަފްކުރި ޚިދުމަތްތަކުން އަޅުގަނޑުމެންނަށް އެނގެނީ، ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ، ރާއްޖޭގައި ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަން. އެހެންވީމާ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އަދި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުވެސްމެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުރީދޫން ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި ހޯދައިދީފައިވާ ބޮޑެތި ކުރިއެރުންތަކެއް ފާހަގަކޮށް ރާއްޖޭގެ މުވާޞަލާތީ ދާއިރާއަށް ދެމުން ގެންދަވާ ޚިދުމަތްތަކަށް، ފާހަގަކުރައްވައި އެކުންފުންޏަށް ޝުކުރު ދަންނަވާފައެވެ.